ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން އެރަށުގައި ހުންނަ ދެ އިދާރާއަކަށް ފޭސް މާސްކާއި، ސެނިޓެއިޒާ ހަދިޔާކޮށްފިއެވެ.
ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، އެ ކޭހާއި ގުޅިގެން ޑައިރެކް ކޮންޓެންޓުންގެ ގޮތުގައި 231 މީހެއް ފާހަގަވެ، ދިއްދޫ ހާސްކަމުގައި އޮތް މި ދަނޑިވަޅުގައި މިޑްލް ސްޕޯޓްސް ކްލަބުން މި ތަކެތި ހަދިޔާ ކުރީ، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށާއި، ދިއްދޫ ޕޮލިސް ސްޓޭޝަނަށެވެ.
މިގޮތުން އެ ދެ އިދާރާއަށް އެ ކްލަބުންވަނީ 2 ހާސް ފޭސް މާސްކާއި، 40 ފުޅި ސެނިޓެއިޒާ ހަދިޔާކޮށްފަ އެވެ. އެއީ، އެއިން ކޮންމެ އިދާރާއަކަށް ވެސް އެއްހާސް މާސްކާއި، 20 ފުޅި ސެނިޓެއިޒާ އެވެ.
އެ ކްލަބުން ބުނީ މިއީ، މިހާލަތުގައި އެރަށުގައި އިސްސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދީ، އެފަރާތްތަކުގެ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ.
އެ ކްލަބުން ރޭ ވަނީ، ހއ. ހޮސްޕިޓަލްގެ ރެޕިޑް ރެސްޕޯންސް ޓީމަށް ތަރާވީހެއް ވެސް ދީފައެވެ. އެ ތަރާވީހަކީ އެ ޓީމުގެ އަގުނުކުރެވޭ މަސައްކަތުގެ އަގުވަޒަންކޮށް، ހިތްވަރުދިނުމަށް ދިން ތަރާވީހެއް ކަަމަށް ވެސް އެ ކްލަބުން ބުނެއެވެ.
މީގެއިތުރުން އެ ކްލަބުން ވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ރަސްމީ ފޭސްބުކް ޕޭޖުން، މިހާލަތަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގެނެސްދޭ ޕޯސްޓްތައް ތައްޔާރުކޮށް، އެ މަސައްކަތަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބަކީ މިވަގުތު މުޅި އުތުރުގައި ވެސް އޮތް އެންމެ ހަރަކާތްތެރި އެއް ކްލަބެވެ. އެ ކްލަބުން އަންނަނީ މެދު ނުކެނޑި ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ހިންގަމުންނެވެ.
ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ ކޭހާއި ގުޅިގެން ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 25 އަށް އަރާފައެވެ. މީގެއިތުރުން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 3 މީހެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން ދިއްދޫގެ ނަމްބަރު ވަނީ 28 އަށް އަރާފައެވެ.
އެރަށުން ޕޮޒިޓިވްވި މީހުން ތެރެއިން 2 މީހަކު މިއަދު ވަނީ ށ. އަތޮޅު ހޮސްޕިޓަލްގައި ހުންނަ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ވެސް ބަދަލުކޮށްފަ އެވެ.
މިރޭ އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!