ހއ. ދިއްދޫއިން އިތުރު 6 މީހެއް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.
އެހެންކަމުން ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ ކޭހާއި ގުޅިގެން ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 21 އަށް އެރީއެވެ.
ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވަނީ މެއި 1 ވަނަ ދުވަހު ޕޮޒިޓިވް ވެފައެވެ. އެމީހާގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި އެރޭ 28 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 14 މީހެއްގެ ސާމްޕަލް ނެގެޓިވްވިއިރު، އަނެއް 14 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެމީހުން ޕޮޒިޓިވްވުމާ ގުޅިގެން، އެމީހުންގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި ރޭ ވަނީ 121 މީހެއްގެ ސާމްޕަލް ނަގާފައެވެ. މިއަދު ޕޮޒިޓިވްވީ އޭގެ ތެރެއިން 6 މީހެކެވެ. ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭކަމަށް ހއ. އަތޮޅު ހޮސްޕިޓަލްއިން މައުލޫމާތު ދެއްވައެވެ.
މީގެއިތުރުން ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި ދެ މީހެއްވެސް މިވަގުތު އެރަށުގައި އެބަތިއްބެވެ. އެހެންކަމުން މިވަގުތު ދިއްދޫގައި ތިބި ޖުމްލަ ޕޮޒިޓިވްމީހުންގެ ޢަދަދު 23 އަށް ވަނީ އަރާފަ އެވެ.
ދިއްދޫއިން އިތުރު ބަޔަކު ޕޮޒިޓިވްވުން އަނެއްކާ ވެސް މިރޭ އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
އަތޮޅު ތެރޭގެ ކޯވިޑްގެ ހާލަތު ވަނީ ގޯހުން ގޯހަށް ގޮސްފަ އެވެ. މިވަގުތު ވެސް 24 ރަށެއް މޮނިޓަރިންގައި އޮތްއިރު އަތޮޅުތެރޭގައި ބަލިޖެހި، ރަނގަޅުނުވެ ތިބި މީހުންގެ އަދަދު ވަނީ 1،900 އިން މައްޗަށް ގޮސްފައެވެ. މުޅިރާއްޖެއިން 30 ހާހަށްވުރެ ގިނަ މީހުންނަށް ވަނީކޯވިޑް ބަލި ޖެހިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!