ޕޭޕަރުތައް ލީކުވަމުންދާތީ ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ކުރިއަަށް ނުގެންދަން ނިންމައި ދަރިވަރުންނަށް ދެ ގޮތަކަށް ފުރުޞަތު ދޭން ނިންމައިފިއެވެ.
އެކަން ހާމަކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ފުރަތަމަ ޕޭޕަރެއް ލީކުވިކަން އެނގިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ޕޭޕަރ ލީކް ވުމުން ކަމަށެވެ.
އެކަން އެނގުމުން ހަމައެދުވަހުން އެދުވަހަށް އެޑެކްސެލްއާއި އެކު ބައްދަލުވުމެއް ބޭއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެބޭފުޅުން ވިދާޅުވީ އެ ބޭފުޅުން ކަށަވަރުކުރަން ބޭނުމޭ އަސްލު އެގްޒާމް ޕޭޕަރތޯ ލީކްވީ، އެހެންވީމަ ބައްލަވާފަ އަންގަވާނަމޭ، ދެން މިދިމާވީ އެ ބޭފުޅުންނަށް ވެސް ލޯންގް ވީކެންޑްއަކާއި، މިއަދު ވެސް އެކޮޅަށް ބަންދު، ނަމަވެސް އިއްޔެ ކަށަވަރުކޮށްދިނީ ދެ ޕޭޕަރއެއް ލީކްވެއްޖެއޭ، ދެން އިތުރަކަށް ޕެޕަރއެއް ލީކެއް ނުވާނެއޭ، އެއީ އެބޭފުޅުންނަށް މި ލީކުވާގޮތް ފާހަގަ ކުރެވިގެން އެކަންކަމަށް ބަދަލުތަކެއްގެނެސް އިތުރަށް ޕޭޕަރ ލީކުނުވާނެ ކަމުގެ ޔަގީންކަށް އޮތީ ދެއްވާފައި" މިނިސްޓަރު ވިދާޅުވިއެވެ.
އެޑެކްސެލުން އެޔަގީންކަން ދިން ނަމަވެސް މިއަދު މެންދުރުފަހުގެ ޕޭޕަރ ލީކްވެ، މިއަދު ހެނދުނު މިނިސްޓަރަށް ވެސް އެ ޕޭޕަރ ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު މެންދުރުފަހު ހަދަމުންދާ ޕޭޕަރ ހެނދުނު އަޅުގަނޑަށް ވެސް ލިބިއްޖެ، ދެން އަޅުގަނޑު ޕްރިންސިޕަލުންނާއި ވެސް މީޓްކޮށް މިކަމާބެހޭ ހުރިހާއެންމެންނާ މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން މިހާރު މިނިންމަނީ މިހާރު މިކުރިއަށްދާ އިމްތިހާނު ދަރިވަރުންނަށް ދެ އޮޕްޝަނެއް ހުށަހަޅަން، އަޅުގަނޑަށް ބައްދަލުވެއްޖެ ވަރަށްގިނަ ދަރިވަރުންނާވެސް، ބެލެނިވެރިންނާވެސް، ބައެއް ދަރިވަރުން ބޭނުންވާ ޓެސްޓް ހަދާފަ އެގްޒާމް ނިންމާލަން، އެއީ އެކުދިން ތިން އަހަރުވެއްޖެ އޭލެވެލްއަށް ކިޔަވަމުންދާ، އެހެންވީމާ އިތުރަށް ދުވަސްތަކެއް ސްޕެންޑްނުކޮށް އެކުދިންނަށް ހެދޭނެ ގޮތެއް އެ ކުދިން އެބައަހާ، އެއްބައިކުދިން ބޭނުންވަނީ އޮކްޓޯބަރު ނޮވެމްބަރއަށް މިއެގްޒާމް ފަސްކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އެޑެކްސެލްއިން ވަނީ ދެ ޗޮއިސްއެއް ދީފައިކަން ހާމަކުރަށްވަމުން އެއް ޗޮއިސްއަކީ މިހާރު އެގްޒާމް ހަދަމުންދާ ކުދިން މިހާރުގެ ސީރީޒުން ވަކިވެ، އަންނަ އޮކްޓޯބަރ ނޮވެމްބަރމަހުގެ ސީރީޒްއަށް ބަދަލުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތަށް ބޭނުންވާ ކުދިންނަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށޑް ވެސް ވިދާޅުވިއެވެެ.
ދެވަނަ އޮޕްޝަންގޮތުގައި އޭޕްރިލް މޭގައި އެގްޒާމް ނިންމަން ބޭނުންކުދިންނަށް ފީޗަރ ބޭސްޓް އެސެސްމަންޓެއް ދޭން ނިންމާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
"މޭ-ޖޫންގަ އިމްތިހާން ނިންމަން ބޭނުންވާ ކުދިންނަށް ދެވޭނީ ފީޗަރ ބޭސްޓް އެސެސްމަންޓެއް. މިއީ ސްކޫލުން ތައްޔާރުކުރާ އިމްތިހާން ކަރުދާސްތަކެއް. އެހެން ނަމަވެސް ހަމަ އެޑެކްސެލްގެ މިންގަނޑަށް، އެޑެކްސެލް ގްރޭޑް ސެޓްފިކެޓް ލިބޭނީ." މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.
ފީޗަރ ބޭސްޑް އެސެސްމަންޓް ހަދާ ކުދިންގެ އިމްތިހާން، ޖޫންމަހު ނިންމޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އޮކްޓޯބަރ-ނޮވެމްބަރަށް އިމްތިހާނު ހެދުން ބަދަލުކުރަން ބޭނުންވާ ކުދިންނަށް އެ އިންތިޒާމު، އެކުއްޖަކު ޓެސްޓުހަދާ މަރުކަޒަކުން ހަމަޖައްސައިދޭނެކަމަށް ވެސް ވިދާޅުވިއެވެ.
އޭލެވެލް ޕޭޕަރުތައް ލީކުވެފަ ވަނީ ރާއްޖެއިން ނޫންކަމަށް އެޑިއުކޭޝަން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!