ގަރާޖު ސިޓީއަކީ ދައުލަތައް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ހިނގާ ވަގު މުޢާމަލާތެއް: ޝާހިދު

MP Shahid Funadhoo

ގަރާޖު ސިޓީއަކީ ދައުލަތައް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ހިނގާ ވަގު މުޢާމަލާތެއްކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ގަރާޖެއް ނެތި ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކޮށްދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ނިންމި ނިންމު ތާއީދު ކުރަށްވާ، އެ އިސްލާޙް ގެނެސްފައިވާ ކޮމެޓީ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް، މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، މައްސަލަ ޙައްލުވާނީ މައްސަލަ ފުރަތަމަ ދެނެގަގެން ކަމަށެވެ.

މި މައްސަލައަށް ބަލާއިރު މިއީ ރާއްޖޭގައި ވަރަށް ޒަމާންވަންދެން އޮތް ބޮޑު މައްސަލައެއް ކަމަށާއި، އަދި އެއީ ކޮރަޕްޝަންގެ ބޮޑު ވިޔަފާރިއެއްކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރާ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިކަމަށް އެކި ޒަމާންތަކުގައި ވެސް މަސައްކަތްކުރެވިފައި އޮތް ކަމަށް މަޢުލޫމާތުތައް ބުނޭ. އެހެންވިޔަސް، މިއަދާ ހަމައަށް އައިއިރު ވެސް މިކަން ހަމަ އެގޮތަށް ހިނގަމުން އެބަދޭ. މިކަން ހުއްޓުވަންޖެހޭ
މައިގަނޑު ސަބަބަކީ، މި ވިޔަފާރިން ވަކި ބަޔަކަށް ފައިދާވެ، ޚާއްޞަކޮށް މިއީ ދައުލަތައް އެއްވެސް ފައިސާއެއް
ނުލިބޭ ގޮތަށް ހިނގާ ވަގު މުޢާމަލާތެއް ވީމަ." ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ޤާނޫނަށް ގެންނަށް ކޮމިޓީން ފާސްކޮށްފައިވާ އިސްލާޙުން އެކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އަންނާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. ނަމަވެސް އެއީ މާލޭގައި މިވަގުތު ވެހިކަލް ހުރި ނިސްބަތަށް
ބަލާއިރު، އެންމެ އެކަށީގެންވާ ޙައްލު ކަމަށް ނުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވިޔަސް، މިހާރުވެސް މި ގެންނަ ހުރިހާ ވެހިކަލްތަކެއް ހުންނަނީ މަގުމަތީގައި. ނެތް ގަރާޖަށް ރަޖިސްޓްރީކޮށްގެން ނެރެ މަގުމަތީގައި ބަހައްޓާއިރުގައި ދައުލަތަށް ލިބޭ އެއްޗެއް ނެތީމާ އިޞްލާޙު ހުށަހެޅިފައި މި އޮތީ، ހުއްދަދެވޭ ވަކި އިދާރާއަކުން، ސިޓީ ކައުންސިލުން ވިޔަސް، އަދި ޓްރާންސްޕޯޓުން ވިޔަސް ވެސް އެކަމާ ގުޅޭ އުސޫލުތައް ކަނޑައެޅި، ޕާކިން ސްޓިކާއެއް، އޭގެ އަގު ކަނޑައަޅާނީ އެކަން ކަނޑައަޅާ އިދާރާއަކުން، އުސޫލުތައް ކަނޑައަޅާނީ އެ އިދާރާއަކުން، އޭގެ ފަހުގައި މަގުތަކުން ޖާގަ ލިބޭ ހިސާބަކުން،
ވަކި ލޮކޭޝަނަކުން ހުއްދަދެވުނީމާ އެއީ އެ ވެހިކަލަކަށް ވީ ޖާގަކަމުގައި ކަނޑައެޅިގެންދަނީ." ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެން މިކަން ކުރެވުނީމާ ކަނޑައެޅިގެން ދަނީ ނެތް ގަރާޖަށް ހޭދަކުރެވޭ ފައިސާ ދައުލަތަށް ވަދެގެންދާ އުސޫލެއް ކަމަށެވެ.

"އިއްޔެގައި ވާހަކަދައްކަވަމުން ބައެއް މެންބަރުން ވިދާޅުވި، ވަރަށް ވިޔާނުދާ ކަމެއްގެ ގޮތުގައި. މިހާރު
އެކަން ކުރަމުންދާ ގޮތް މާ ވިޔާނުދާ. އެހެންވީމާ، މިހާރު އެ ކުރަމުންދާ ގޮތަށްވުރެ އަޅުގަނޑު ގަބޫލުކުރަނީ މި ގޮތް މާ ބޮޑުތަކުން ރަނގަޅުވާނެ ކަމަށް. މިއަށްވުރެ އަދި މާ ރަނގަޅު މޮޅު ގޮތެއް ފެންނަ ދުވަހަކުން އެ ގޮތަކަށް ވެސް އަޅުގަނޑުމެނަށް އެކަން ބަދަލުކުރެވިދާނެ. އަބަދުވެސް އަޅުގަނޑުމެން ބަލަންޖެހޭނީ، އެ ހާލަތެއްގައި އެކަން ކުރަމުންދާ ގޮތުން، ގޮތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ކަންކުރެވެން އޮތީ އެ ވަގުތައް ކޮން ގޮތަކަށްތޯ. އެހެން ބަލާއިރު އަޅުގަނޑަށް ގަބޫލުކުރަނީ، މި ހުށަހެޅިފައި އޮތް އިޞްލާޙަކީ މިހާރު ކޮންމެހެން ވެސް ގެންނަންޖެހިފައި އޮތް އިޞްލާހެއްކަމަށް." ޝާހިދު ވިދާޅުވިއެވެ.

އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނިންމުމާ ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދުކުރައްވައިފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *