ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އިބްރާހީމް ރަޝީދުގެ ވަކިވެވަޑައިގަތުމަކީ، ދިވެހިރާއްޖޭގެ ޤައުމީ އަދި ސިޔާސީ ހަޔާތަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިނިސްޓްރީ އޮފް ހެލްތްގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަލްމަރުހޫމް އިބްރާހީމް ރަޝީދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިރޭ ސޮއިކުރައްވައި ލިޔުއްވެވި ބަޔާނުގައެވެ.
ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ޞާލިޙް ލިޔުއްވި ބަޔާނުގައި ލިޔުއްވާފައިވަނީ އަލްމަރުހޫމް އިބްރާހީމް ރަޝީދަކީ ރައީސް އާއި ވަރަށް ގާތް ގުޅުމެއްބޭއްވި ވަރަށް އެކުވެރި ބޭފުޅެއްކަމަށާއި އިބްރާހިމް ރަޝީދު ވަކިވެ ވަޑައިގެންނެވިއިރު ޤައުމީ ޚިދުމަތުގެ ތާރީހުން، މިހާރުގެ ޖީލުތަކަށް ދޫކުރެއްވި އެންމެ ރީތި ނަމޫނާއަކީ، އިލާސްތެރިކަމާއި ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވުމުގެ މަތިވެރި ސިފަކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާން ނިންމާލައްވަމުން ރައީސް ވަނީ، އަލްމަރްޚޫމް އިބްރާހީމް ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާފައެވެ،
އެގޮތުން އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ. އިބްރާހީމް ރަޝީދު އަވަހާރަވެފައިވަނީ 31 ޖެނުވަރީ 2021 ގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 92 އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!