ކައުންސިލްތަކާއި ކުންފުނިތަކުގެ ބޯޑުތައް އާންމުގޮތެއްގައި އެކުލަވާލާފައިވަނީ ހައިރާކީ ތަކަކަށް ބަހާލެވިގެންނެވެ. ރައީސުންނާއި މެންބަރުން ހިމެނޭހެން އެކުލެވިފައިވާއިރު މިމަގާމްތަކުގައި މުސާރައިގެ ފަރަގު ހުރެއެވެ.
މުސާރަތައް ތަރުތީބު ކުރެވިފައިވަނީ އެންމެ މަތިން ތިރިއަށް ބޮޑުކޮންނެވެ. އެހެންނަމަވެސް ހދ. އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތުން އެކައުންސިލްގެ ރިޔާސަތު ބަލަހައްޓާނެ އެކައުންސިލްގެ ރައީސްގެ މުސާރައަށްވުރެ ބޮޑު އެހެން މެންބަރަކު އެކައުންސިލްގައި ހިމެނެއެވެ. އެއީ ހދ. ކުޅުދުއްފުށި ސިޓީ އިން އެކައުންސިލް އަށް އިންތިހާބު ކުރި އެސިޓީގެ މޭޔަރެވެ.
މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މޭޔަރަކަށް 40،000ރ.، ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ.، އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ އެވެ.
އެހެން ސިޓީ ތަކާއި ހިލާފަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ވަނީ އެސިޓީގެ މޭޔަރު އިންތިހާބު ކުރުމާއި އަތޮޅު ކައުންސިލްގެ ރައީސް އެއް އިންތިހާބު ކުރުމަށް ވޯޓް ލުމުގެ ހައްޤު ލިބިފަ އެވެ. އެގޮތުން މިހާރު ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ. އަތޮޅު ކައުންސިލް އެކުލެވިގެންވަނީ އެސިޓީގެ ރައްޔިތުންގެ ވޯޓާއިއެކު އެސިޓީގެ މޭޔަރުވެސް ހިމެނޭހެންނެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހދ. ކުޅުދުއްފުށީގެ އާބާދީ 10،000އަށް އެރުމާ އެކު ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ލިބުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. ސިޓީއަކަށް، ކުޅުދުއްފުށި ބަދަލުވުމާ އެކު ހދ. އަތޮޅު ވެރިކަން ކުރާރަށް ބަދަލުވާނެ ކަމަށް އެދުވަސްވަރު ވާހަކަ ދެކެވިގެން ދިޔަ އެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ފުރަތަމަ ފަހަރަ ބޮޑެތި ބާރުތަކެއް ދީ، ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރީ އިދާރީ ދާއިރާއެއްގެ ތެރެއިން ނެވެ. އަތޮޅު ކައުންސިލްގެ ރައީސް އަދިވެސް ހިމެނެނީ އިދާރީ ދާއިރާގެ ތެރޭގައި ކަމަށެވެ.
އަތޮޅު ކައުންސިލް އެކުލެވޭނީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން އިންތިޚާބު ކުރާ ރައީސާއި އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސްގެ އިތުރުން އެ ސިޓީއެއްގެ މޭޔަރުގެ މައްޗަށެވެ.
ހދ. އަތޮޅުން ސިޓީއެއްގެ ގޮތުގައި ކުޅުދުއްފުށި ކަނޑައެޅިއިރު އެ ދާއިރާގައި 13 ރަށް އޮވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާތަނަށް ސިޓީއަކަށް ބަދަލުކޮށްފައިވަނީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކެވެ. އައްޑޫ ސިޓީއަކަށް ބަދަލު ކުރީ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށެވެ. ފުވައްމުލައް ހިމެނެނީ އެއް އަތޮޅެއްގެ ގޮތުގަ އެވެ.
ކުޅުދުއްފުށި ސިޓީއަކަށް ހެދުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް، ސަރުކާރުން 2019 ވަނަ އަހަރު ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް އިސްލާހުގައިވާ ގޮތުން އަތޮޅުގެ ވެރިރަށަކަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް، އެ ދާއިރާއެއްގައި ވަކިވަކި ރަށްތަކެއް ހިމެނޭ ނަމަ، އެ ރަށްތަކަށް ހިދުމަތް ދޭނީ އަތޮޅު ކައުންސިލުންނެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި ދެމުން ގެންދިޔަ ޚިދުމަތްތައް ވެސް ކުރިއަށް ގެންދާނީ އެ ކައުންސިލުންނެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން ގެނައި އިސްލާހާއިއެކު ހދ، އަތޮޅު ގައި އަތޮޅު ވެރިކަން ބަދަލުކުރުމަށް ކުރަމުންއައި ކެންޕޭންތައް ވަނީ ހުއްޓިފަ އެވެ. އެބަހުސް އެހިސާބުން އޮބި މިއަދު މިވަނީ ކައުންސިލްތައް އިންތިހާބުކޮށް ދާއިމީ ނަތީޖާވެސް އިޢުލާންކޮށްފަ އެވެ.
ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އިންތިހާބުކޮށްގެން މަޖިލިސްގައި ތަމްސީލް ކުރަމުން އަންނަނީ 2 މެންބަރުންނެވެ. މީގެ އިތުރުން ހދ އަތޮޅުގެ 12 ރަށް ހިމެނޭހެން އިތުރު 4 ދާއިރާއެއް މަޖިލިސްގައި އަންނަނީ ތަމްސީލް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!