އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހަނިމާދޫން ޕޮޒިޓިވްވީ އަންހެނަކާއި، ކުޑަކުއްޖެކެވެ. އެއީ ދެމައިންނެވެ. އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

Ad
rt

ޕޮޒިޓިވް 10 ކޭސް ފެނުމުން މަތިވެރި މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ، މަތިވެރިން އެރަށަށް ދަތުރުކުރި ތިން މީހެއްގެ ސާމްޕަލް ނެގީ ރޭގައި ކަމަށެވެ. އޭގެތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހަވީރު ކަމަށެވެ.

"އެމީހުން މަތިވެރިން ފުރީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެނީ، ހަމަ އެދުވަހު މިރަށަށް ވެސް އައިސްފި، މަތިވެރިން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން، އެރަށުން ހަނިމާދޫއަށް ދަތުރުކުރި ބަޔަކަށް ވާތީ ކުޅުދުއްފުށީ ހޮސްޕިޓަލުން އެންގީ އެމީހުން ޓެސްޓް ކުރަން، މަންމައަކާއި ދެ ދަރިން އެއީ، މަންމައާއި އެއްކުއްޖަކު ޕޮޒިޓިވް، އަނެއްކުއްޖާގެ ސާމްޕަލް ނެގެޓިވް" އިބްރާޙީމް ވިދާޅުވިއެވެ.

އެމީހުންގެ ރަށުތެރެއިން އެހެން މީހުންނާއި ވެސް ބައްދަލުވެފައިވާ ކަމަށާއި، އެ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ހަނިމާދޫ ސިއްޙީ މަރުކަޒުން ފައްޓަވާފައިވާ ކަމަށް ވެސް އިބްރާޙީމް ވިދާޅުވިއެވެ.

"އެމީހުންނާ ބައްދަލުވި މީހުންގެ ޢަދަދު އަދި ދަންނަވަން ނޭނގޭ، މި ދެ ކޭސްފެނުމުން ހަވީރު 17:30 ހާއިރުން ފެށިގެން އެޗްޕީއޭއިން މިރަށް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ" އިބްރާޙީމް ވިދާޅުވިއެވެ.

މަތިވެރިން ހަނިމާދޫއަށް ދަތުރުކުރި ދެމައިން ޕޮޒިޓިވްވިއިރު، މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށުން 300 އެއްހާ މީހުންގެ ސާމްޕަލް ނަގަން އަންގާފައިވާކަމަށް އެރަށު ކައުންސިލާ ހަވާލާދީ ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓްކޮށްފަ ވެއެވެ.

ރަށްރަށުގައި ހަލުވި ކަމާ އެކު ކޯވިޑް-19 ފެތުރި މި ވަގުތު ވެސް 19 ރަށެއް މޮނިޓަރިން ހާލަތުގައި އެބައޮތެވެ. އަދި ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދާ 2،905 މީހުން މި ވަގުތު ތިބި އިރު، ރަށްރަށުގައި 833 މީހުން އެބަ ތިބި ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑް ވެބްސައިޓުން ފެނެ އެވެ.

ރާއްޖޭން މިހާތަނަށް ކޯވިޑް ޖެހުނު 26،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފަ އެވެ.