ހދ. ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދާ ޢާއިލާއަކަށް އެހީތެރިވުމުގެ މަސައްކަތް އެރަށުގެ ކައުންސިލާއި، ރައްޔިތުން ގުޅިގެން ފަށައިފިއެވެ.

މިގޮތުން ފަންސާސް އަހަރުން މަތީގެ މާމައަކާއި، 10-12 އަހަރާދެމެދު ދެ މާމަ ދަދަރިން ހިމެނޭ އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ގުޅިގެން ފެށީ ރޭގައެވެ.

Ad
rt

އެ ޢާއިލާއަކީ ކުރީން ރަށުން ބޭރުގައި ދިރިއުޅެފައި، މިފަހަކުން އެރަށަށް ބަދަލުވި ޢާއިލާއެކެވެ. އެރަށަށް ބަދަލުވުމަށްފަހު އެ ޢާއިލާ އެރަށުގެ އެކި ގޭތަކުގައި އުޅެފަ ވެއެވެ. އެންމެފަހުން އެ ޢާއިލާ ދިރިއުޅުނީ ރަށުގައި ހުރި "ދަރު ގެއެއް" ކަހަލަތަނެއްގައި ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވިއެވެ.

އެ ޢާއިލާ އެހާލުގައި އުޅެން ފެށުމުން ރަށުކައުންސިލުން އެ ޢާއިލާ ވަނީ ހުސްކޮށްހުރި، ރަނގަޅު ފެންވަރެއްގެ ގެއަކަށް ބަދަލުކޮށްފައެވެ. އެ ޢާއިލާއަށް ރަނގަޅު ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ފަށަން ނިންމާފައިވަނީ އެހިސާބުން ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ޢަލީ އާދަމް "ތިލަދުން"އަށް ވިދާޅުވީ، އެރަށުގައި އެހާލުގައި ޢާއިލާއެއް ދިރިއުޅެން ޖެހޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.

"މިރަށުގައި އެއްވެސް މީހަކު އެގޮތަށް އެހާދަތިހާލުގައި އުޅެންޖެހޭނެ ކަމަށް ޤަބޫލެއް ނުކުރަން، އެ ޢާއިލާ މިރަށަށް ބަދަލުވެ އެކި ގޭތަކުގައި ކުރިން އުޅުނީ، ފަހަރަކު ގެއަކުން ނުކުންނަންޖެހި ފަހުން ދަރުގެއެއްކަހަލަ ތަނަކަށް ބަދަލުވީމަ ކައުންސިލުން މިހާރު ވާނީ އެ ޢާއިލާ ހުސްކޮށްހުރި ރަނގަޅުފެންވަރުގެ ގެއަކަށް ވަގުތީގޮތުން ބަދަލުކޮށްފައި، މިފެށި މަސައްކަތަކީ އެ ޢާއިލާއަށް އެމީހުންގެ އަމިއްލަ ގޯތީގައި ދާއިމީ ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ރައްޔިތުންނާއި، ކައުންސިލް ގުޅިގެންފެށި މަސައްކަތެއް" ޢަލީ ވިދާޅުވިއެވެ.

Neykurendhoo gai haalugaa dhiriulhey faraathakah eheevumah council aa aammu faraaithah gulhigen kuriah gendhaa harakaai

Posted by Neykurendhoo Council on Tuesday, April 20, 2021

ޢަލީ ވިދާޅުވީ އެ ޢާއިލާއަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެ މީހުންގެ މުސްކުޅިގޭގައި ރަނގަޅު ކޮޓަރިއެއް ހަދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އެ ގޭގެ ކޮޓަރިއެއް ހިޔާކޮށް، ސިމެންތިޖަހާނެ ކަމަށާއި، ފާޚާނާއަކާއި ބަދިގެއެއް ވެސް ހަދައިދޭނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

"މިއީ ރައްޔިތުން ގުޅިގެން ހިލޭ ސާބަހަށް ކުރާ މަސައްކަތެއް، މިކަމުގައި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތިއެހީ ދަނީ ލިބެމުން، އަޅުގަނޑުމެން މި އުންމީދުކުރަނީ ކުރިއަށްއޮތް ތިން، ހަތަރު ދުވަހެއްގެ ތެރޭގައި އެ ޢާއިލާ އެ ގެއަށް ބަދަލުކުރެވޭ ވަރަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް،" ޢަލީ ވިދާޅުވިއެވެ.

އެމަސައްކަތުގައި ރައްޔިތުން ދައްކަމުންދާ އެއްބައިވަންތަކަމާއި، އަޚުވަންތަކަން ފާހަގަކޮށް ޢަލީ ވަނީ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.