ދުނިޔޭގެ ޙަޔާތަކީ ދާދި މަދު ދުވަސްކޮޅެކެވެ. އަބަދަށް ދެމިގެންވާ ތަނަކީ އާޚިރަތުގެ ގޮވައްޗެވެ. އާޚިރަތުގައި ތިބާއަށް ވޭނާތުރާ ނުވަތަ އުފަލާމަޖާ ލިބުން އޮތީ މިދުނިޔެއިން ޙާޞިލްކުރި އެއްޗެއްގެ މައްޗަށެވެ.
އާޚިރަތުގެ ނަތީޖާ ބާއްޖަވެރިވުމަށް އެދޭމީހާ ކުރަން އެންމެ ރަނގަޅު އެއް ކަމަކީ ސަދަގާތް ކުރުމެވެ. އިޚްލާޞްތެރި ހިތަކައިގެން ﷲގެ ރުހުން އެދިގެން އެ އިލާހުގެ މަގުގައި ކުރާ އެއްވެސް ހޭދައެއް ގެއްލިގެން ނުދާނެއެވެ.
މިކަމަށް އިޝާރާތް ކުރައްވާ ބަޤަރާ ސޫރަތުގެ 265ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ:- ﴿وَمَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّهِ وَتَثْبِيتًا مِنْ أَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِنْ لَمْ يُصِبْهَا وَابِلٌ فَطَلٌّ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ﴾
މާނައީ:- "އަދި، اللَّهގެ ރުއްސެވުންއެދި، އަދި، (اللَّهގެ ثوابއާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ نفس ތަކުން يقينކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثالއީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެ ގުނައަށް އިތުރުވެގެންދާ، އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ مثالއެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”
ކޮންމެ މީހަކީ ތަނަވަސް ކަމުގެ އަހުލުވެރިއެއް ނޫނެވެ. އެހެނަސް އެ މީހަކަށް ލިބިހުރި މިންވަރަކުން ޞަދަގާތް ކުރުމީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ.
އެ މީހަކަށް ލިބޭ ކުޑަ އެތިކޮޅުން ވިޔަސް ޞަދަޤާތް ކުރުމުގެ މުހިންމިކަން ބަޔާން ކޮށްދެއްވަމުން މާތް ނަބިއްޔާ މުޙައްމަދު ﷺގެ ކިބައިން އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ.
عَدِيَّ بْنَ حَاتِمٍ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَة“.
މާނައީ:- ޢަދިއްޔު ބުނު ޙާތިމް (رضى الله عنه) ވިދާޅުވިއެވެ. ރަސޫލުﷲ ﷺގެ އަރިއަހުން ތިމަން އަޑުއެއްސެވީމެވެ. “ކަދުރު ފަޅިއެއްގެ މިންވަރުން ނަމަވެސް ނަރަކައިން ސަލާމަތް ވާށެވެ!".
ޞަދަޤާތުގެ ދޮރު މިހާ ބޮޑަށް ހުޅުވިފައި އޮންނައިރު، މި ކަމަށް އަވަސްވާށެވެ! ދެނިޔޭގެ ޖައްވަށް ނޭވާ ހުސްކޮށްލުމުގެ ކުރިން ޞަދަޤާތް ކުރުމުގެ އާދަ ތިބާގެ ކަށީގައި ހަރުލެއްވޭތޯ ބަލާށެވެ! ޞަދަގާތް ކުރުމަކީ ކިބުރުވެރިކަމުގެ ހިތްތަށް މަޑުމޮޅިކުރުވާ ކަމެކެވެ. ދީލަތި ކަމުގެ އިހުސާސް ލިބޭ ކަމެކެވެ. ޞަދަޤާތް ނުކުރާނަމަ، ހިތް ހަރުވެ، ބޮޑާކަމުގެ އިހުސާސް ކުރެވެއެވެ.
ތިބާގެ ދަރިންގެ ހިތުގައިވެސް ޞަދަޤާތުގެ ލޯބި އުފައްދާށެވެ! އެ ކުދިންނަށް ފެންނަ އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ ނަމޫނާއަކީ ތިބާއެވެ. އެ ކުދިން އަތުގައި ހޭދަކުރާނެ އެއްޗެއް ނެތް ނަމަ ހިނިތުންވާން ދަސްކޮށްދޭށެވެ! ހިނިތުން ވުމަކީވެސް ޞަދަޤާތެކެވެ. تبسُّمك في وجه أخيك لك صدقة، "ތިބާގެ އަޚާގެ ކުރިމަތީ ހިނިތުންވުމަކީ ޞަދަޤާތެކެވެ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!