ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި ގައިދުރުކޮށްގެން ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސްފިއެވެ.

އެ ގޮތަށް އަމަލު ކުރަން ފަށާނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ.

Ad
rt

މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން ނިންމާފައިވާ ނިންމުން މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ވަނީ ނިމުމަކަށް ގެނެވިފައި ކަމަށެވެ.

ގައިދުރުކަމާއެކު ނަމާދުކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެންނަން ނިންމިއިރު، އިއްޔެ ވަނީ މާލެ ސަރަޙައްދުގެ ކާފިއު ވެސް ނިމުމަކަށް ގެނެސް ގިނަ ފިޔަވަޅުތަކަށްލުއި ދީފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާތަނަށް ދަމަހައްޓާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެއްފަހަރާ 5 ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި، އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމާއި، ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް ރަށްތަކަށް ދަތުރުކުރާ މީހުންގެ އަތުގައި 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އޮތުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމާއި، ޕާޓީއާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމާއި، އެހެން ރަށްތަކަށް ދަތުރުކުރާ މީހުން ކަރަންޓީނު ވުމާއި އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ ކުއްދަތަށް ކަރަންޓީންވުން ހިމެނެއެވެ.