ދިވެހި ބަހުގެ އެކަޑަމީގެ 2021ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ދެ މުބާރެއްތައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ދެ މުބާރާތަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތެވެ.

Ad
rt

ދިވެހި ބަހުގެ އެކަޑަމީން ބުނީ، މި އަހަރު ވެސް މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަތުން ނޫނީ ކޮންޕިއުޓަރުން ލިޔެގެން އެކެޑަމީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށައަޅާ ގޮތަށް ކަމަށެވެ.

މި ދެ މުބާރާތް ވަނީ ހަތަރު ބަޔަށް ބަހާލާފަ އެވެ. އެއީ އިސްކޫލުތަކުގެ ބައި، މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ / ކޮލެޖުތަކުގެ ބައި)، އޮފީސް / ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި، އަދި އަމިއްލަފަރާތްތަކުގެ ބައި އެވެ.

އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތް

މި މުބާރާތުގައި މަޒުމޫނު ލިޔާނީ މި އެކެޑަމީން ކަނޑައަޅައިފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކަށެވެ. އަދި މަޒުމޫނު ލިޔާނީ ލިޔުންތެރިކަމުގެ ތެރޭގައި ހިމެނޭ މަޒުމޫނު ލިޔުމުގެ އެކިއެކި ވައްތަރުތައް ކަމުގައިވާ ސިފަކުރާ މަޒުމޫނާއި އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނާއި ދެކޮޅަށް ވާހަކަދައްކާ މަޒުމޫނާއި ދެކޭ ގޮތް ހާމަކުރާ މަޒުމޫނު، މި ވައްތަރުތަކަށެވެ. އެ ބައިވެރިއަކު ބޭނުން މައުޟޫޢެއްގެ މައްޗަށެވެ. އެ ދާއިރާތަކަކީ،

ދަށު ސާނަވީ ގިންތި

މަޢުޟޫތައް: ބަހާއި އަދަބިއްޔާތު، ސައިންސާއި ޓެކްނޮލޮޖީ، ތާރީޚާއި ސަގާފަތް އަދި ކޯވިޑް-19.

ސާނަވީ ގިންތި

މަޢުޟޫތައް: ބަހާއި އަދަބިއްޔާތު، ތާރީޚާއި ސަގާފަތް، ސައިންސާއި ޓެކްނޮލޮޖީ، ކޯވިޑް-19

މަތީ ސާނަވީ ގިންތި

މަޢުޟޫތައް: ބަހާއި އަދަބިއްޔާތު، ކޯވިޑް-19، ތާރީޚާއި ސަގާފަތް، އިޤްތިޞާދާއި ވިޔަފާރި

އަމިއްލަފަރާތްތަކުގެ ބައި

18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާ

މަޢުޟޫތައް: މިނިވަންކަމާއި ޤައުމިއްޔަތު، އިޤްތިޞާދާއި ވިޔަފާރި، ބަހާއި އަދަބިއްޔާތު، ކޯވިޑް-19

މަތީ ތަޢުލީމުގެ ބައި

މިނިވަންކަމާއި ޤައުމިއްޔަތު، އިޤްތިޞާދާއި ވިޔަފާރި، ކޯވިޑް-19، ބަހާއި އަދަބިއްޔާތު

އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

މަޢުޟޫތައް: މިނިވަންކަމާއި ޤައުމިއްޔަތު، އިޤްތިޞާދާއި ވިޔަފާރި، ކޯވިޑް-19، ބަހާއި އަދަބިއްޔާތު

މަޒުމޫނު ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައި 3 ގިންތިއަށެވެ. އެއީ، ދަށު ސާނަވީ ގިންތި، ސާނަވީ ގިންތި އަދި މަތީ ސާނަވީ ގިންތި އެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައި ކަމަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ، 18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާ އެވެ.

އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 32ވަނަ ޤައުމީ މުބާރާތް

ވާހަކަ ލިޔާނީ އެ ބައިވެރިއަކު އިޚްތިޔާރުކުރާ ހާދިސާއެއްގެ މައްޗަށެވެ. ވާހަކައަށް ނަމެއް ދޭންވާނެއެވެ.

ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވެނީ 3 ގިންތިއެއްގައެވެ. އެއީ، ދަށުސާނަވީ ގިންތި، ސާނަވީ ގިންތި އަދި މަތީސާނަވީ ގިންތި އެވެ.

ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ، 18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާ އެވެ.

މި ދެ މުބާރާތުން ކުރެ ކޮންމެ މުބާރާތެއްގައި ވެސް އިސްކޫލުތަކުގެ ބައިގައި ބައިވެރިވެވޭނީ ކޮންމެ އުމުރުފުރައެއްގައި 7 ދަރިވަރުންނަށެވެ. މަދުވެގެން 5 ދަރިވަރުން ބައިވެރިވާން ޖެހެއެވެ. އަދި ކޮލެޖް/ ޔުނިވަރސިޓީތަކާއި، ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކާއި ކުންފުނިތަކާއި އޮފީސްތަކުން މި ދެ މުބާރާތުން ކުރެ ކޮންމެ މުބާރާތެއްގައި ވެސް ބައިވެރިވެވޭނީ 5 ބައިވެރިންނަށެވެ. މަދުވެގެން 3 ބައިވެރިން، ބައިވެރިވާން ޖެހެއެވެ.

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތްތަކުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމު ފުރިހަމަ ކުރުމަށް ފަހު ފޯމާ އެކު ވާހަކައާއި މަޒުމޫނު ހުށައަޅަން ޖެހެއެވެ. ފޯމު ހުށައަޅާ އިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނުވަތަ ޑްރައިވިންގ ލައިސަންސުގެ ނަކަލު ވެސް ހުށަހަޅަން ޖެހެއެވެ.

މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2021 މޭ 6 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިންނެވެ. އަދި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2021 މޭ 9 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިންނެވެ.

މި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) ލިބެން ހުންނާނެ ކަމަށް އެ އެކަޑަމީން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުން ނަމަ އެ އެކެޑަމީގެ ނަންބަރު 7986230 ފޯނާ ގުޅުން މަށް ވެސް އެ އެކަޑަމީން އެދެއެވެ.