ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތް މާދަމާ ވެސް ކުރިއަށް ދާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.
''މަވެސް ފަޞީލްއަށް އެހީވާނަން'' ނަމުގައި މިއަދު ދިއްދޫގައި ފެށި މިހަރަކާތަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. މިގޮތުން ފަޞީލަށް އެހީވުމަށް ފައިސާ ހޯދުމަށް މިއަދުގެ ހަރަކާތުގައި ވިއްކަން ބެހެއްޓި ޓީޝާޓްތައް ހަރަކާތް ފެށިތާ ދޮޅުގަޑިއިރު ތެރޭ ވަނީ ވިކި ހުސްވެފައެވެ.
ދިއްދޫ ބޮޑު މަގުގެ ދެ ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ މިހަރަކާތް ކުރިއަށް ގެންދިޔައީ ހަވީރު 16:00 އިން 18:00 އަށެވެ. މާދަމާގެ ހަރަކާތް ވެސް އޮންނާނީ އެ ސަރަހައްދުތަކުގައި ހަމަ އެގަޑީގައެވެ.
މި ހަރަކާތާއި ގުޅޭގޮތުން މިޑްލް ސްޕޯޓްސް ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުނީ، މިއަދުގެ ހަރަކާތުގައި ބައިވެރިވެ، ފަޞީލަށް އެހީވުމަށް ކުޑަނަމަވެސް މިންވަރެއް ހޭދަކުރިއެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިއަދުގެ އިވެންޓްގައި ދިއްދޫދާއިރާގެ މެންބަރު އަބުދުﷲ ވަޙީދުވެސް ބައިވެރިވެ ވަޑައިގަތެވެ. ނަޝްވާން ވަނީ އެކަން ވެސް ފާހަގަ ކުރަށްވާފަ އެވެ.

''މިއަދު ހުރިހާ ޓީޝާޓެއް ދޮޅުގަޑިއިރުތެރޭ ވިކި މި ހުސްވީ، މާދަމާ އިވެންޓްގައި އަޅުގަނޑުމެން މި ހަމަޖެއްސީ ޓީޝާޓް ޕްރީ އޯޑަރ ކުރެވޭނެ އިންތިޒާމު، އިވެންޓް ހިނގަމުންދާއިރު އެ ސަރަޙައްދުތަކަށް ވަޑައިގެން ފޯކަލް ޕޮއިންޓްތަކަށް ވަޑައިގެން ޓީޝާޓް ޕްރީ އޯޑަރ ކުރެވޭނެ، ފައިސާ ދައްކަވަންވާނެ އެގަޑީ، ޕްރީ އޯޑަރ ކުރާ ޓީޝާޓްތައް ހަފްތާއެއްގެ ތެރޭ ގެނެސްދޭނަން، އަޅުގަނޑުމެން ނިންމާފައި ވަނީ އިވެންޓް ނިމުމާއެކު ވީހާވެސް އަވަހަކަށް އިވެންޓްއިން ލިބޭ ފައިސާ ފަޞީލްގެ ޢާއިލާއާއި ހަވާލުކުރަން'' ނަޝްވާން ބުންޏެވެ.
ނަޝްވާން ބުނީ މާދަމާ އެ ރަކާތް ހިނގަމުންދާއިރު، މިއަދެކޭ އެއްގޮތަށް މިނީ ޕިއްޒާއާއި، ކޭކު ކަހަލަ އެކިކަހަލަ ލުއިކާނާ ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

ފަޞީލްއަށް އެހީވުމަށް ފައިސާ ހޯދުމަށް މިޑްލް ސްޕޯޓްސް ކްލަބްއިން އިސްނަގައިގެން ގެންދާ މިހަރާތުގައި ޓީޝާޓެއް ވިއްކީ 150 ރުފިޔާއަށެވެ. އެ ގޮތުން މިއަދު 410 ޓީޝާޓް ވަނީ ވިއްކާފައެވެ. ޕްރީ އޯޑަރ ކުރާ ޓީޝާޓް ވެސް ހަމަ މިއަގަށް އަތާއި ހަމައަށް ގެނެސްދޭނެ ކަމަށް ނަޝްވާން ބުންޏެވެ.
Posted by Middle Sports Club on Thursday, April 1, 2021
މި ހަރަކާތް ކުރިއަށްދާ ވަގުތު، މިއަދެކޭ އެއްގޮތަށް ހަރަކާތާއި ގުޅޭ ހާއްސަ ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެ އެވެ. އަދި މި ހަރަކާތުގައި ދިއްދޫގެ ކުދިބޮޑު އެންމެން ބައިވެރިވެ ފަޞީލަށް އެހީވުމަކީ އެ ކުލަބުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކްލަބުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!