ހއ. ކެލާއަކީ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ތަރައްގީ ކުރެވިގެންދާއިރު، ކެލާގެ އާބާދީ ދެ ގުނަ ވާނެ ކަމަށް އަންދާޒާ ކުރަށްވާ ކަމަށާއި، އެރަށަށް ތަރައްގީގެ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
އިބްރޭ މިހެން ވިދާޅުވީ ކެލާ ތުނޑީގައި ތަރައްގީ ކުރާ ފަތުރުވެރިކަމުގެ ހޮޓަލާއި ބެހޭ މަޢުލޫމާތު ކެލާ ރައްޔިތުންނާއި ހިއްސާ ކުރުމަށް އެ ހޮޓާ ތަރައްގީ ކުރާ ކުންފުނި، ފެޑޯ އިންވެސްޓްމަންޓްގެ ދެ ޑިރެކްޓަރުންނާއެކ،ު ރޭ ކެލާ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކައިގަ އެވެ.
އިބްރޭ ވިދާޅުވީ، ކެލާއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކެލާ އިސްތިހާރުކޮށް، އެ މަގުން ކަންކަން ފަހިކުރެވޭނީ ކެލާގައި ގިނަ އެނދުތަކެއް ތަރައްގީ ކުރެވިގެންކަމަށް ފަތުރުވެރިކަމުގެ މާހިރުން އިރުޝާދު ދީފައިވާ ކަމަށެވެ.
މި ހާރު ކެލާ ތުނޑީގައި ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ހޮޓަލުގެ އިތުރުން އިތުރު ބިންތަކެއް ގެސްޓް ހައުސްތަކާއި، ދެ ސިޓީ ހޮޓާ ތަރައްގީކުރަން ބީލަމަށްލީ އެ ސަބަބަށްޓަކައި ކަމަށް އިބްރޭ ވިދާޅުވިއެވެ.
''ހަގީގަތުގައި ތުނޑި އެކަނި ތަރައްގީ ކުރިކަމުގައިވީ ނަމަވެސް އަޅުގަނޑުމެންނަށް ހަގީގަތުގައި ޓޫރިސްޓް މަންޒިލެއް ގޮތުގައި ނުވަތަ ގެސްޓުން އަންނަ ރަށެއްގެ ގޮތުގައި ތަރައްގީ ކުރެވޭނީ އިތުރު އެނދު ހުރެގެންކަން އަޅުގަނޑުމެން ގަބޫލު ކުރަން، އެހެންވެ އަޅުގަނޑުމެން އެއާއިއެއްކޮށް ގެސްޓްހައުސް ބިންތަކެއް މި ދޫކުރީ، ތަފާތު ފެންވަރުގެ ގެސްޓުން މިތަނަށް އައިއްސަތިބޭނެ އެނދުތައް އިތުރު ކުރުމަށްޓަކައި މިދުވަސްވަރާ ދިމާކޮށް އިތުރު ބިންތައް ދޫކުރީ'' އިބްރޭ ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ، ފަތުރުވެރިކަން ތަރައްގީވެގެން އަންނައިރު، އެއާއިއެކު ރަށުން ލިބެންހުންނަ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް، އިތުރު ތަރައްގީގެ މަސައްކަތްތައް ފުރިހަމަވާން ޖެހޭކަމަށެވެ. މިސާލެއްގެ ގޮތުން އިބްރޭ ވިދާޅުވީ، އެރަށުން ލިބޭ ކަރަންޓްގެ ޚިދުމަތް މަތިކުރަން ޖެހޭނެ ކަމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ފުރިހަމަވާން ޖެހޭނެ ކަމަށެވެ.
''އަދި ފެން އަންނަންޖެހޭ، އަދި އަޅުގަނޑުމެންގެ ފެނެއްނެތް، އެހެންނަމަވެސް މިހާރުވަނީ އިންޑިއާގެ ކުންފުންޏަކާއެކު ކެލާއަށް ފެންހޮޅިލުމުގެ މަޝްރޫޢުގައި ސޮއިކޮށްފައި، އިރާދަކުރެއްވިއްޔާ އެބޭފުޅުން ވެސް ލަސްވެގެން ދެ އަހަރެއްހާ ދުވަސްތެރޭގައި ހުރިހާ މަސައްކަތެއް ނިންމާނެ، މަގު ހެދުން އޭގެ ފަހުން އަންނާނެ، މިބަލަނީ މިއަންނަ އަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު މަގުހަދަން ފެށޭނެ ކަމަށް، އެއީ ޓޫރިސްޓުން އައުމާއެކު ތަފާތު ވައްތަރުތަކުގެ ދުއްވާއެއްޗެހި ވެސް މަގުތަކުގައި ދުއްވަންޖެހޭނެ، މަގުތައް ހަލާކުވާތީ އޭރަށްވާއިރަށް މަގުތައް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަން" އިބްރޭ ވިދާޅުވިއެވެ.
ރައްޔިތުން ދުޅަހެޔޮކަންމަތީ ތިބުމަށް ކަސްރަތަކީ ވަރަށް މުހިންމު އެއްޗެއްކަން ފާހަގަކުރަށްވައި، ރަށުގައި އޮތް ރީތި ވިނަ ފުޓްބޯޅަ ދަނޑު އިތުރަށް ފުރިހަމަކުރުމަށް އެންމެ ޒަމާނީ ރޮސްޓްރޮމްއެއް ހަދަން ސަރުކާރުން ނިންމާފައިވާކަމަށް އިބްރޭ ވިދާޅުވިއެވެ. އަދި ރަށުގެ އެކި ތަންތަނުގައި މަސް ކެނޑުމުގެ ސަބަބުން ދިމާވާ ކަންކަން ހައްލު ކުރުމަށް މަސްމާރުކޭޓެއް އިމާރާތްކުރުމަށް މިހާރު ބަޔަކާއި ހަވާލު ކުރެވިފައިވާކަން ވެސް އިބްރޭގެ ވާހަކާގައި ވަނީ ފާހަގަ ކުރަށްވާފަ އެވެ.
''އަޅުގަނޑުމެން މިބަލަނީ ގެސްޓްހައުސްތައް ތަރައްގީވެ ރަށުގެ އާބާދީ، ރަށުގައި އުޅޭ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން މައްޗަށްދާނެ، ގާތްގަނޑަކަށް ދެ ގުނަވާނެ، އަޅުގަނޑުމެން މިބަލަނީ ގާތް ގަނޑަަކަށް5 ހާސް މީހުންގެ އާބާދީއަކަށް، މިތަންތަނުގެ މަސައްކަތް ފެށުނީމަ މީގެ ދެއަހަރެން ނޫނީ ތިން އަހަރެއް ފަހުން އެހިސާބަށް ދާނެ ކަމަށް'' އިބްރޭ ވިދާޅުވިއެވެ.
އެސަބަބަށްޓަކައި ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް، ޖާގަ ބޮޑު ކުރަންޖެހޭ ކަމަށާއި، އެގޮތުން މިހާރު ޢިއުލާން ކުރެވިފައިވާ ސިއްހީ މަރުކަޒުއެޅުމަށް އަންނަމަހުގެ ކުރީކޮޅު ބަޔަކާ ހަވާލުކުރެވޭވަރު ވާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.
ރޭގައި ކެލާގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން
އިބްރޭ ވިދާޅުވީ ފަތުރުވެރިކަން ތަރައްގީވެގެން ދާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުއަކީ ވަރަށް މުހިންމު މަޝްރޫޢުއެއް ކަމަށެވެ. އަދި އެ މަޝްރޫޢުފެށުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާތީ، މައުލޫމާތު ލިބިލަށްވާފައިވާގޮތުގައި މިއަހަރުގެ ޖޫން ނުވަތަ ޖުލައިހާތާނގައި އެ މަޝްރޫޢުވެސް ފެށިގެން ދާނެ ކަމަށް އިބްރޭ ވިދާޅުވިއެވެ.
މީގެއިތުރުން ތިލަދުންމަތީގައި ފަށަން ސަރުކާރުން މަސައްކަތްފަށާފައިވާ ހައިސްޕީޑް ފެރީގެ ނިޒާމަކީވެސް ފަތުރުވެރިކަން ތަރައްގީވެގެން އަންނައިރު ވަރަށް މުހިންމު މަޝްރޫޢުއެއްކަން އިބްރޭ ފާހަގަ ކުރެއްވިއެވެ. އެ މަޝްރޫޢުގެގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ނޮވެމްބަރު ނޫނީ އޮކްޓޯބަރުގައި ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެލާއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގޮތުގައި ތަރައްގިކުރަން މަސައްކަތް ކުރަމުންދާއިރު، އެ ރަށުގެ ތުނޑީގައި ތަރައްގީ ކުރާ100 އެނދުގެ ހޮޓާ މިހާރު ވަނީ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ޚިދުމަތަށް ހުޅުވާލާގޮތަށް ފެޑޯ އިންވެސްޓްމަންޓްއާއި ހަވާލުކޮށްފަ އެވެ. އަދި ގެސްޓްހައުސް އެޅުމަށް 5،000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ހަދަން 10،000 އަކަފޫޓުގެ 2 ބިމެއް ދޫކުރަން ވަނީ ހުޅުވާލާފަ އެވެ. އެ ބިންތަކަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހަމަވާނެއެވެ.
ކެލާ ކައުންސިލްއިން ކުރިން މިނޫހަށް ބުނެފައި ވަނީ، އެ ކައުންސިލްގެ އަމާޒަކީ ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އެރަށުގައި ފަތުރުވެރިކަމުގެ 400 އެނދު ތަރައްގީ ކުރެވޭގޮތަށް ކަންކަން ފަހިކޮށް ދިނުން ކަމަށެވެ. އެކަމުގެ ސަބަބުން ކެލާ ރައްޔިތުންނަށް ތިޔާގިކަންލިބި، އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށް ދިނުމަކީ އެ ކައުންސިލްގެ އެންމެ ބޮޑު ވިސްނުންކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!