މިޔަންމާގެ މިލިޓަރީއާ ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.
މި މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ. ނަމަވެސް މިހާތަނަށް މަރުވި މީހުންގެ އަދަދެއް ހާމަ ކޮށްފައި ނުވެއެވެ.
އެ ގައުމުގައި މުޒާހަރާ ކުރިއަށްދަނީ ފެބްރުއަރި އެއްވަނަ ދުވަހު އެ ގައުމުގެ ސިފައިން ކުރި ބަގާވާތާ ދެކޮޅަށެވެ. މި މުޒާހަރާ އެ ގައުމުގެ ބޮޑެތި ސީޓީތައް ކަމަށްވާ ޔާގިން އާއި މަންޑަލޭ ފަދަ ސިޓީތަކުގައި ވެސް އަންނަނީ ކުރަމުންނެވެ.
އެ ގައުމުގެ ބަގާވާތާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާގެ އިސް މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުގައި މިއަދަކީ އެ ގައުމުގެ ސިފައިން ލަދުގަންނަ ޖެހޭ ދުވަހެކެވެ. އަދި މިހާތަނަށް 300 މީހުން މަރާލާފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މި މުޒާހަރާތަކާ ގުޅޭގޮތުން މިހާތަނަށް މިޔަންމާގެ ސިފައިން އެއްވެސް މީޑިއާއަކަށް މައުލޫމާތު ދީފައި ނުވެއެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން އެ މީހުންގެ ބަހެއް ހޯދަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައެވެ.
މިޔަންމާގައި މުޒާހަރާ ކަވާ ކުރާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު ބުނުމަކީ އަދި ދަތިކަމެކެވެ. އެހެންނަމަވެސް މަރުވި މީހުންގެ އަދަދު 50 އިން މައްޗަށް އަރާނެ ކަމަށް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!