ސަރުކާރުން ހއ. ހޯރަފުށްޓާއި، އެ އަތޮޅު އިހަވަންދޫގެ ގާއިމު ކުރަން ނިންމަވާފައިވާ ހޮސްޕިޓަލްގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ހޯރަފުށީގައި ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން ރައީސް ޞާލިޙްގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމަށާއި، އެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ސާފުކޮށްލަން ރައްޔިތުން ބޭނުންވާ ކަމަށް މެންބަރު ސައްލެ ވަނީ، މިނިސްޓަރު ނަސީމްއާއި ސުވާލު ކުރަށްވާފަ އެވެ.

''ހޯރަފުށީގެ ހޮސްޕިޓަލް އޮތީ ކޮންޓްރެކްޓަރ ފިނޭންސްގެ ދަށުން ކުރާ ގޮތަށް. ދެން އަޅުގަނޑުމެން ކޮންޓްރެކްޓަރ ފައިނޭންސިންއަކީ ކުޑަކޮށް މިހެން އުޅޭ އެއްޗެއް. އެހެންވީމާ، ހޯރަފުށީގެ އާބާދީ ވެސް
ބޮޑުވަމުން ގޮސް އަނެއްކާ ހޯރަފުށީގެ ޚިދުމަތްތަކާ އެއްޗެހި ވެސް ގިނަވަމުންދާތީ، ހޯރަފުށްޓާއި އިހަވަންދޫއާ މި ދެ ރަށުގެ ކަންތައް އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން މި ގެންދަނީ އިނގޭތޯ. އެ ކަންތައްތައް ހަމަޖެހިގެންދާނެ.''މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، އެ ދެ ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ކަމަށެވެ.

''ދެން ހޮސްޕިޓަލް ހެދުމުގެ ކަންތަކުގައި ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން އަޅުގަނޑުމެން ޔަގީންކޮށްފައި އަޅުގަނޑުމެން ކަންތައް ކުރާނީ. އެހެންނޫނިއްޔާ އެއްކަލަ ގޮތަށް އެނައުންސް ކުރިޔަސް އަނެއްކާވެސް ބާޠިލުކުރަންޖެހޭނީ. ދެން އަނެއްކާ ވެސް ބާޠިލުކުރަންޖެހޭނީ. އެހެންވީމާ، އެހެންނުވާ ކަހަލަ ގޮތަކަށް ޔަގީންކަމާއެކީ އެކަން ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަނީ.''މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، އެ ދެ ރަށުގެ ހޮސްޕިޓަލްގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މީގެއިތުރުން، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވަނީ އެ ޖަލްސާގައި އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް އޮޅުން ފިލުވުމަށް ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މި އަންނަ ހަފްތާގައި އެ ހޮސްޕިޓަލްގެ ''އިވެލުއޭޝަން ޓެންޑަރއަށް ދާނެ'' ކަމަށެވެ.

އެެ ޖަލްސާގައި މިނިސްޓަރު ނަސީމް ވަނީ މިއަހަރުގެ ޖޫން އަންނައިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސް ހުންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.