ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއް ރަޙްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި އިއްޔެ ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، ޝެއިޚް މުޖީބުއް ރަޙްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއް ކަމަށެވެ. އަދި އެ މަނިކުފާނުގެ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ޙާޞިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ ޝެއިޚް މުޖީބުއް ރަޙްމާނު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިއްޔެ ކުރިއަށް ދިޔަ އެ ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދު އަދި އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތުދެއްވާފައެވެ.

ރައީސް ޞާލިޙްގެ ދެ ކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ވަޑައިގެންފައިވާއިރު، އެ ޤައުމަށް ވަޑައިގަތީ، ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގަތަރަށް ޒިޔާރަތް ކުރެއްވުމަށް ފަހުގައެވެ.