ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބަންގުލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ވަޑައިގަންނަވައިފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޞާލިޙް މިއަދު އެ ގައުމަށް ވަޑައިގެންނެވުމުން، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޙަޒްރަތް ޝާޙްޖަލާލް އިންޓަރނޭޝަނަލް އެއަރޕޯޓުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާއި، އަނބިކަނބަލުން ރާޝިދާ ޙާމިދެވެ.

Ad
rt

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިޙް ޑާކާއަށް ވަޑައިގެންނެވުމުން، އެ މަނިކުފާނަށް ބަންގްލަދޭޝް ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވި ކަމަށެވެ. މިގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނުކަމަށާއި، އަދި 21 ބަޑީގެ ސަލާމެއް ވެސް އެރުވުނުކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެއިތުރުން ރައީސްގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރއެއް، އެ މަނިކުފާނު ބައްލަވައިލެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ އިޙުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި އެ ޤައުމުގެ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރަށްވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙް. ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ބަންގްލާދޭޝްއަށް ކުރަށްވާ ޒިޔާރަތުގައި މިއަދު ވަނީ ޑާކާގެ ނޭޝަނަލް މާޓިއަރޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރައްވާފަ އެވެ. ނޭޝަނަލް

މާޓއަރޒް މެމޯރިއަލަކީ ބަންގްލަދޭޝަށް މިނިވަންކަން ލިބިދިން އެޤައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާއެކެވެ. މި މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިފައިންގެ ހަނދާނުގައި މާފަތި ބެއްވުމަށް ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން، އެތަނުގައި ގަހެއް އިންދަވައިދެއްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

ބަންގަބަންދު މެމޯރިއަލް މިއުޒިއަމަކީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ އެޤައުމުގައި ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރެއްވި ބަންގަބަންދު ޝެއިޚް މުޖީބުއް-ރަޚްމާންގެ ގެކޮޅެވެ. އެ ގެކޮޅު ފަހުން ދާރުލްއާޡާރަކަށް ބަދަލުކުރެވުމާއެކު އެ މަނިކުފާނުގެ މަގުބޫލު ލަގަބުފުޅެއް ކަމަށްވާ ބަންގަބަންދުގެ ނަމުން ދާރުލްއާޡާރަށް ނަން ދެވިގެންދިޔައެވެ. މި ދާރުލްއާޡާރު ޚާއްސަކުރެވިފައިވަނީ އެ މަނިކުފާނުގެ ހަޔާތުގައި ބަންގްލަދޭޝްގެ މިނިވަންކަމަށާއި ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ މައްޗަށެވެ.

ބަންގަބަންދު ޝެއިޚް މުޖީބުއް-ރަޚްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބަތުގައި މިރޭ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޙާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ރައީސް ޞާލިޙު ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުންތަކެއް ދަމަހައްޓަމުންދާ ދެ ޤައުމެވެ. ދެ ޤައުމުގެ ދެމެދުގައި ދޭދޭ ޤުޅުންތައް ރަސްމީކޮށް ޤާއިމުކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ރައީސް ޞާލިޙް ބަންގްލަދޭޝްއަށް މި ވަޑައިގަތީ ގަތަރަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ.