އިނގިރޭސި ޕްރިމިއަ ލީގުގެ ދެވަނާގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑާއި ކުރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރުވެ، މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 14 ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔުނައިޓެޑުން ކުޅުނު ނަމަވެސް، ލަނޑު ޖަހާނެ ފުރުޞަތުތަކެއް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ހޯދިފައި ނުވެއެވެ. ޕެލަސްގެ ގޯލާއި އަމާޒުކޮށް ޔުނައިޓެޑަށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ. ފުރަތަމަ ހާފުގައި އޭރިއާ ބޭރުން ޔުނައިޓެޑުގެ މިޑްފީލްޑަރ މަޓިޗް ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ހަމަލާ ޕެލަސްގެ ގޯލްކީޕަރު ވިސެންޓޭ ގުއައިޓާ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުން އެއްވަރުވުމާއިއެކު ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިފައެވެ. ލީގުގައި ޗެލްސީއާއި ބައްދަލުކުރި މެޗާއި ޔޫރޮޕާ ލީގުގައި ސްޕެއިންގެ ސޮސިއެޑާޑްއާއި ބައްދަލު ކުރި މެޗު ވެސް ނިމިގެން ގޮސްފައިވަނީ ހަމަ މި ނަތީޖާއިންނެވެ.
ޔުނައިޓެޑް އެއްވަރު ވުމުން އެކަމުގެ އެންމެ ބޮޑު ފައިދާއެއް ކޮށްފައިވަނީ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށެވެ. ސިޓީ ލީގުގައި ކުޅުނު 27 މެޗުން 65 ޕޮއިންޓް ހޯދާފައިވާއިރު، ޔުނައިޓެޑު ދެވަނާގައި އޮތީ 27 މެޗުން 51 ޕޮއިންޓް ލިބިގެންނެވެ. މި ދެ ޓީމްގެ ދެމެދު މިހާރު 14 ޕޮއިންޓްގެ ފަރަގު އެބައޮތެވެ. ޕެލަސް މިވަގުތު އޮތީ 13 ވަނާގައެވެ. އެ ޓީމަށް 27 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!