ށ. ފުނަދޫ ކައުންސިލުން އެ ކައުންސިލްގެ މުވައްޒަފުންގެ ކެޝުއަލް ޔުނީފޯމާއި، އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ޔުނިފޯމް އިފްތިތާޙްކޮށް، އެ ކައުންސިލް ހިންގުމުގައި ދައްކަމުން އަންނަ ނަމޫނާތަކުގެ ތެރެއަށް މުޅިން އާ ބޮޅުތަކެއް އިތުރުކޮށްފިއެވެ.
މިގޮތުން ހޮނިހިރު ދުވަހުރޭ އެކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ވަނީ، އެ ކައުންސިލްގެ މުވައްޒަފުންގެ ކެޝުއަލް ޔުނީފޯމާއި، އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ޔުނިފޯމް އިފްތިތާޙްކޮށް، އަދި ކައުންސިލްގެ ނުރަސްމީ ލޯގޯއެއް ވެސް އިފްތިތާޙް ކޮށްފައެވެ.
ފުނަދޫ ކައުންސިލަކީ ހިންގުންތެރި، ނަމޫނާ ކައުންސިލެއް ގޮތުގައި ފާހަގަކުރެވޭ ކައުންސިލަކަށްވާއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހޮވި، ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ށ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހޮވިފާވާ ކައުންސިލަކީ ވެސް ފުނަދޫ ކައުންސިލެވެ.
ފޮޓޯ: ފުނަދޫ ކައުންސިލް
ފުނަދޫ ކައުންސިލްގެ މި މަސައްކަތްތަކާއި ގުޅިގެން އެ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ''ތިލަދުން''އަށް ވިދާޅުވީ، އެކައުންސިލްގެ ކާމިޔާބީގެ އަސްލަކީ ފުނަދޫ ރައްޔިތުންގެ އެއްބާރުލުމާއި، އެކުވެރިކަން ކަމަށެވެ. އަދި ހިތްވަރުގަދަ އެކައުންސިލްގެ އިދާރީ މުވައްޒަފުންގެ ހީވާގި ކަމާއި، ޓީމް ވޯކްކަކީ ވެސް އެ ނަތީޖާ ލިބުނު އަނެއް ސަބަބު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ފުނަދޫ ކައުންސިލުން އަލަށް ތައާރަފްކުރި ލޯގޯ
ފުނަދޫ ކައުންސިލުން މިފަހަރު މިތައާރަފްކުރި އެ ކައުންސިލްގެ މުވައްޒަފުންގެ ކެޝުއަލް ޔުނީފޯމާއި، އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ޔުނިފޯމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ، ކުރިއަށް އޮތްތާނގައިވެސް ބޭނުންވަނީ މުވައްޒަފުން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކުރުން ކަމަށާއި، މި ތައާރަފް ކުރެވުނު ޔުނީފޯމްތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ އެކުވެރިކަން ދައްކުވައިދީ، މަސައްކަތުގެ ރޫހު ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.
ފޮޓޯ: ފުނަދޫ ކައުންސިލް
''މިރަށުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ކައުންސިލުން ކުރިއަށްގެންދާ ''މަގޭ ސާފު ފުނަދޫ'' ޕްރޮގްރާމްގައާއި، ކޮމިޔުނިޓީ ޕަވަހައުސް މުވައްޒަފުންނަށް ވެސް ރަސްމީ ޔުނީފޯމެއް ހުންނާނެ، މިމަހު 26 ވަނަ ދުވަސް، ލާމަރުކަޒީ ދުވަހުން ފެށިގެން އެ ޔުނީފޯމްތައް ވަނީ ބޭނުން ކުރަންވެސް ފެށިފައި، ދެން މި ތައާރަފްކުރީ ކައުންސިލްގެ ނުރަސްމީ ލޯގޯއެއް، މި ލޯގޯވެސް އަޅުގަނޑުމެން ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކުގައި ބޭނުން ކުރުމުންގެންދާނަން،''
އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަލަށް ތައާރަފް ކުރެވުނު ކަންކަމަކީ އެއްރޫހެއްގައި، އެއް އަމާޒަކަށް ދަތުރުކޮށް ފުނަދޫއަށް ލިބުނު ރީތި ނަމާއި، ކައުންސިލަށް ލިބުނު ޝަރަފް ދަމަހައްޓައި، މަގާމް ދިފާއުކުރުމަށް ތައާރަފް ކުރެވުނު ކަންކަން ކަމަށެވެ.
ފޮޓޯ: ފުނަދޫ ކައުންސިލް
ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމުނު ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭގޮތުން ކައުންސިލް ރައީސް އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވީ، އެބައްދަލުވުމުގައި ރައްޔިތުންނާއި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، މިއަހަރު ބަޖެޓް ބަޖެޓް ހިއްސާ ކުރެވުނު ކަމަށެވެ. އަދި ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައި، މައުލޫމާތު ބަދަލުކުރެވިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުނަދޫ ކައުންސިލަކީ ގިނަ ހަރަކާތްތަކެއް ރޭވުންތެރިކަމާއެކު ހިންގާ ހަރަކާތްތެރި ކައުންސިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!