ށ. އަތޮޅު ރަށްތަކުން 9 ސަތޭކައަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ޖަހައިފިއެވެ.

އިއްޔެގެ ނިޔަލަށް އެ އަތޮޅުގެ މީހުންއުޅޭ 14 ރަށަކުން 963 މީހުންގެ ވަނީ ކޯވިޑް ވެކްސިން ޖަހާފައެވެ.

Ad
rt

ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ''ތިލަދުން''އަށް ވިދާޅުވީ، އެ އަތޮޅުން އިއްޔެގެ ނިޔަލަށް 963 މީހުންގެ ވަނީ ކޯވިޑް ވެކްސިން ޖަހާފަ ވާއިރު، އޭގެ ތެރެއިން އަތޮޅު ހޮސްޕިޓަލުން ވެކްސިން ދިން މީހުންގެ ޢަދަދަކީ 201 ކަމަށެވެ.

''އަތޮޅުތެރޭގެ ފުރަތަމަ ބުރު ވަނީ ނިމިފައި، 80 އަހަރުން މައްޗަށާއި، ފްރޮންޓްލައިންގެ މަސައްކަތްތެރީންނަށް ފުރަތަ ބުރު ކުރިއަށް ގެންދިޔައީ، މާދަމާ ލިބޭނެ އިތުރު 3 ހާސް ޑޯޒް މިކޮޅަށް، އެ ޑޯޒްތައް ލިބުމާއެކު އަތޮޅު ތެރޭގައި ދެވަނަ ބުރު ފެށިގެންދާނެ، އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ ފުރުސަތެއް ދީގެން ވެކްސިން ޖެހުން ކުރިއަށް ދަނީ''- ޒުމްރަތު ވިދާޅުވިއެވެ.

ޒުމްރަތު ވިދާޅުވީ، ދެވަނަ ބުރުގެ ވެކްސިން ޖަހަން ފަށަން ތައްޔާރު ވަމުން އަންނައިރު، އެކިއުމުރުފުރާތަކުން 2485 މީހުން މިހާރު ވެސް ވަނީ ވެކްސިން ޖެހުމަށް ނަން ނޯޓުކޮށްފަ ކަމަށެވެ.

ކޯވިޑް ވެކްސިންދިނުމުގެ ގައުމީ ހަރަކާތް "ކޯވިޑް19 ދިފާޢު"، އެ އަތޮޅުން އެންމެ ފުރަތަމަ ފެށީ ށ. ފުނަދޫ ހުންނަ އެއަތޮޅު ހޮސްޕިޓަލްގަ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެ ހަރަކާތް ރާއްޖޭގައި ރަސްމީކޮށް ފެށީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ރާއްޖޭގައި އަދި ދެމުން ދަނީ އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.