މިއަހަރުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްނިމި، އެ ކޮލެޖްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކިޔަވުން އަންނަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދިއްދޫގައި މަތީ ތަޢުލީމު ފުޅާކުރުމަށް، 2021 ވަނަ އަހަރުގެ ދައުލަތުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫ ޖޫނިއަރ ކޮލެޖްގެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިއަދު އިންތިޒާމްކުރެއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަންގެ އިތުރުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު ޢަބުދުﷲ ވަޙީދާއި، ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި، ހއ އަތޮޅު ކައުންސިލްގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ސިރާޖް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި، ދިއްދޫގައި މަތީ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތަކަށް އެދޭ ޒުވާނުން ގިނަކަމަށާއި، އެހެންވެ އެ ފުރުޞަތު އެ ރަށުން ފަހިކޮށްދެއްވުމަށްޓަކައި ދިއްދޫ ޖޫނިއަރ ކޮލެޖް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރު ވަނީ 2022 ވަނަ އަހަރު އެ ކޮލެޖްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކިޔަވަން ފެށޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ހަޔާ އެޑިޔުކޭޝަން މނިސްޓްރީއިން މި މަސައްކަތް ކުރިއަށް ގެންދަވަން ނިންމާފައި ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) އުސޫލުން ކަމަށް ވެސް މިނިސްޓަރު އެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި ޖޫނިއަރ ކޮލެޖްގެ ކަރުދާހުގެ މަސައްކަތްތައް މިހާރު މިނިސްޓްރީން ކުރިއަށްގެންދަވާ ކަމުގައި ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު ޢަބުދުﷲ ވަޙީދު ވަނީ ދިއްދޫގައި މިހާރު މަތީ ތަޢުލީމް ޙާޞިލްކުރުމަށް ގިނަ ޒުވާނުންނާއި ސްކޫލް ނިންމާ ދަރިވަރުން އެދެމުންދާ ކަމުގައި ފާހަގަ ކުރަށްވާފަ އެވެ. އަދި މި ސަރުކާރުން ކުރިއަށް ގެންދަވާ ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމްގެ ދަށުން ދިއްދޫގެ 130 ދަރިވަރުން މިހާރު ވެސް މަތީ ތަޢުލީމް ޙާޞިލްކުރަމުންދާކަން ވަހީދު ވަނީ ފާހަގަ ކުރަށްވާފައެވެ. ދިއްދޫއިން މަތީ ތަޢުލީމްގެ މިފަދަ ފުރުޞަތުތައް ފަހިވުމުން، އެއަށްވުރެ މާ ގިނަ ދަރިވަރުން މަތީ ތަޢުލީމު ޙާޞިލްކުރާނެކަމަށް ވެސް ވަހީދު ވަނީ ފާހަގަ ކުރަށްވާފަ އެވެ.

''މިއަދުގެ މި ބައްދަލުވުން އިންތިޒާމްކުރައްވައި، މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ޙަސަން އަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ އުންމީދަކީ މިނިސްޓަރ މިއަދު ވިދާޅުވި ގޮތަށް ދިއްދޫގެ ޖޫނިއަރ ކޮލެޖްގެ ޢަމަލީ މަސައްކަތް މި އަަހަރު ފެށިގެންދިޔުމެވެ. އަދި އެ ތަނުން ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ވީހާ ވެސް އަވަހަކަށް ދިއްދޫގެ ދަރިވަރުންނާއި ޒުވާނުންނަށް ލިބިގެންދިޔުމެވެ.''- ވަހީދު ވިދާޅުވެފައި ވެއެވެ.

ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.