ށ. ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަތުމުގެ މަސައްކަތް ށ. އަތޮޅު ހޮސްޕިޓަލުން ފަށައިފިއެވެ.
ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ، ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން (ކޮވިޝީލްޑް) ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަންނަން އެ ހޮސްޕިޓަލުން ބޭނުންވާ ކަމަށެވެ.
މިގޮތުން އެފަދަ މީހުން މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ދެމެދު އެ ހޮސްޕިޓަލަށް ގުޅައި ނަން ނޯޓު ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
ނަން ނޯޓު ކުރަން ގުޅަން ޖެހެނީ އެ ހޮސްޕިޓަލްގެ 6540061 ނަމްބަރު ފޯނަށެވެ.
ށ. ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަތުމުގެ މަސައްކަތް ށ. އަތޮޅު ހޮސްޕިޓަލުން ފެށިއިރު، އިއްޔެގެ ނިޔަލަށް ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 75،013 އަށް އަރާފަ އެވެ.
ކޯވިޑް ވެކްސިން ދިނުން ރާއްޖޭގެ 79 މަރުކަޒެއްގަ ކުރިއަށް އެބަދެއެވެ. އެއީ ގްރޭޓަރ މާލޭގެ 10 ވެކްސިނޭޝަން މަރުކަޒަކާއި އަދި އަތޮޅުތެރޭގެ 69 ވެކްސިނޭޝަން މަރުކަޒަކުންނެވެ.
ރާއްޖޭގައި ފެބްރުއަރީ އެއްވަނަ ދުވަހުން ވެކްސިން ދޭން ފަށާފައިވާއިރު، ރާއްޖޭގައި ދެމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޑްޝީލްޑް ވެކްސިންއަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!