ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔައިރު މިއަދަކީ ކެލާގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ.
އިބްރޭ މިހެން ވިދާޅުވީ ކެލާއިން ފަތުރުވެރިކަމަށް ބިންތަކެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީއާއި ކެލާ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިބްރޭ ވިދާޅުވީ މިއަދަކީ، ކެލާގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށާއި، މިއަދު ހަގީގީކުލަޖެހިގެން ދިޔައީ ވަރަށް ދުވަސްވީ އުންމީދެއްގައި ކަމަށެވެ.
''މި މަސައްކަތުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން، އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީއާއި ވަރަށް ކައިރިން މަސައްކަތް ކުރަމުން މިދަނީ، ޓޫރިޒަމް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި، ޚާއްޞަކޮށް ޓޫރިޒަމް މިނިސްޓަރު މިކަމަށް ދެއްވި އަހައްމިއްޔާއި ދެއްވި އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ފަށްފަށުން ޝުކުރުދަންނަވަން، އަދި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވަން''
އިބްރޭ ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ ކެލާ ކައުންސިލަކީ ނަމޫނާ ކައުންސިލެއް ކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން އިންތިޚާބު ނުބޭއްވި، ކައުންސިލްތަކުގެ އުމުރު ދަންމާލާފައި މިވާ، ދަނޑިވަޅުގައި ވެސް އެލްޖީއޭގެ ހުއްދައާއި އެކުގައި ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ކެލާ ކައުންސިލް އެންމެ ތަންފުކޮށް ވެސް ދޫނުކޮށް މަސައްކަތް ކުރަމުންދާކަން އިބްރޭ ފާހަގަ ކުރެއްވި އެވެ.
''ކައުންސިލްތަކުގެ ބާރުތައް ގާނޫނީ ގޮތުން އެލްޖީއެއް ނަގާފައި މިވާ ދަނޑިވަޅުގައި ކެލާ ކައުންސިލުން ކުރަމުން ގެންދަނީ ނަމޫނާ މަސައްކަތެއް، އެކަަށްޓަކައި ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާނަށާއި، ކައުންސިލް މެންބަރު މިޒްނާއަށް ފަށްފަށުން ޝުކުރު ދަންނަވަން، ކައުންސިލްގެ އެއް މެންބަރަކު މަދު ނަމަވެސް ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދަނީ މާތް ﷲގެ އިރާދަފުޅާއެކު އެއްވެސް އުނިކަމެއްނެތި، މިކަމުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވަނީ ކެލާ ކައުންސިލްގެ ސިވިލްސާވިސް މުވައްޒަފުން، އެ މުވައްޒަފުން މިކަމަށްދޭ އަހައްމިއްޔަތާއި އެއްބާރުލުމުގެ ސަބަބުން ކެލާ ކައުންސިލުން ކުރަންޖެހޭ ކަންކަން ކާމިޔާބު ކަމާއެކު ކުރިއަށް ދަނީ''
އިބްރޭ ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ އުންމީދަކީ ކެލާގައި އަލަށް ތަރައްގީ ކުރުމަށް ހުޅުވާލެވޭ ފަތުރުވެރިކަމުގެ ފުރުޞަތުތަކުގެ ސަބަބުން ކެލާގެ ތަރައްގީގެ ދުވެލި ހަލުވި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވެގެން ދިޔުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުޞޫމް ދެއްކެވި ވާހަކަފުޅުގައި ވަނީ މިހާރު ކެލާގައި އޮތް އިންތިގާލީ ކައުންސިލުން އެރަށުންް ފަތުރުވެރިކަމަށް ބިންތައް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތް އެއްވެސް މަޑުޖެހުމެއްނެތި ކުރަށްވާފައިވާ ކަން ފާހަގަ ކުރަށްވާފައެވެ، މިގޮތުން އެލްޖީއޭއިން ހޯދަން ޖެހޭ ހުއްދަތައް ހޯދައި، ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެމަސައްކަތް ފުރިހަމަ ކުރެއްވިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މިނިސްޓަރު ވިދާޅުވީ ކެލާގައި ފަތުރުވެރިކަން ތަރައްގީވެގެން ދިޔުމުން ކެލަޔަށާއި އުތުރަށް ވެސް އެކަމުގެ ފައިދާތައް ކުރާނެ ކަމަށެވެ.
ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔަ މި އެއްބަސްވުމުގެ ދަށުން ގެސްޓްހައުސް އެޅުމަށް 5،000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ހަދަން 10،000 އަކަފޫޓުގެ ދެ ބިން ދޫކުރާނެއެވެ.
ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި އެބިންތައް މިމަސް ނިމުމުގެ ކުރިން ބީލަމަށް ހުޅުވާލެވޭނެއެވެ.
https://thiladhun.wonstasite.com/53594
ކެލާ ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ކުރިން ހުޅުވާލާފައިވާއިރު، މި މަސައްކަތް ކާމިޔާބުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ އިންވެސްޓްމެންޓުންނެވެ. މި ހޮޓާ ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ކެލާގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!