ށ. ނަރުދޫ ފެނަކަ ބްރާންޗް މުވައްޒަފުން ވެގެން ގޮސްފައި މި ވަނީ، އެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ އިތުރުން އެ ރަށުގައި އިޖުތިމާއީ ގޮތުން ވެސް ހަރަކާތްތެރި ވަމުންއަންނަ ނަމޫނާ މުވައްޒަފުން ތަކަކަށެވެ.

މިގޮތުން އެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން އިއްޔެ ވަނީ ނަރުދޫގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގާފައެވެ. މި ހަރަކާތް ހިންގާފައި ވަނީ ރަށުގެ އެހެން މުއައްސަސާތަށާއި، ރައްޔިތުންނަށް ވެސް ދަޢުވަތުދީ، އެފަރާތްތަކާއި ވެސް ގުޅިގެންނެވެ.

Ad
rt

2021: ނަރުދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް

ނަރުދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރު ޢަލީ ރަމްޒީ ''ތިލަދުން''އަށް ވިދާޅުވީ އިއްޔެގެ ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށާއި، އެކަމުގައި ބައިވެރިވި އެންމެންގެ ކިބައިން ވެސް ފެނިގެން ދިޔައީ އެކުވެރިކަން ކަމަށެވެ.

''ފެނަކައިގެ ރަސްމީ މަސައްކަތަކަށް މި އޮންނަނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމާއި، ފެނާއި، ނަރުދަމާގެ ކަންކަން ބެލެހެއްޓުން ފަދަ ކަންކަން، ނަމަވެސް އަޅުގަނޑުމެން ނަރުދޫ ފެނަކަ ބްރާންޗުން ވާނީ 2019 ވަނަ އަހަރުން ފެށިގެން ވަގުތު ލިބޭ ވަރަކުން ރަށުގައި އިޖުތިމާއީގޮތުން ހަރަކާތްތެރިވާން ނިންމާފައި، އަޅުގަނޑުމެންގެ އެމްޑީ ސައީދު ވެސް ބާރުއަޅުއްވާ ވީވަރަކުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް''

ރަމްޒީ ވިދާޅުވިއެވެ.

ނަރުދޫ ފެނަކަ ބްރާންޗުން އިސްނަގައިގެން ހިންގި އެރަށުގެ ގޮނޑުދޮށް ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން

ރަމްޒީ ވިދާޅުވީ، ވަޒީފާގެ އިތުރުން ވަގުތު ހޯދައިގެން ރަށުގެ އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ، މަސައްކަތްކޮށް ދިނުމަކީ އެ ބްރާންޗްގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބޭ އުފަލެއް ކަމަށެވެ. އެ ގޮތުން މިއަހަރު އިތުރު ދެކަމެއް ކުރަން އަދި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރުދޫ ފެނަކަ ބްރާންޗުން އިސްނަގައިގެން ހިންގި އެރަށުގެ ގޮނޑުދޮށް ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން

ނަރުދޫ ފެނަކަ ބްރާންޗުން ވަނީ، އެ ބްރާންޗްގެ މުވައްޒަފުން މިއަހަރު ހިންގާނެ އިޖުތިމާއީ ހަރަކާތްތަށް އަހަރު ފެށުނުއިރު ކަނޑައަޅާފައެވެ. މި ގޮތުން އިއްޔެ ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތަކީ އޭގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. އެ ބްރާންޗުން މިދިޔަ އަހަރަށް ވެސް އިޖުތިމާއީ ހަރަކާތްތަކެއް ހިންގަން ރޭވިއެވެ. ނަަމަވެސް ކުރިމަތިވި ކޯވިޑްގެ ދަތި ހާލަތުގެ ސަބަބުން މިދިޔަ އަހަރު ހިންގުނީ އެންމެ ހަރަކާތެކެވެ.

2020: ރަށުގެ މަގެއްގައި މަގު ބައްތި ޖަހައިދިނުމުގެ މަސައްކަތް ކުރުން

''މިދިޔަ އަހަރަށް އަޅުގަނޑުމެން ރޭވި ހަރަކާތްތައް ކޯވިޑްގެ ސަބަބުން ނުހިންގުނު ނަމަވެސް، އަޅުގަނޑުމެން ވާނީ ޑިސެމްބަރު މަހު މިރަށުގެ އަލަށް ހެދިފައިވާ މަގެއްގައި ބައްތި ޖެހުމުގެ މަސައްކަތް ކޮށްދީފައި، މަގު ބައްތި ޖެހުމަކީ ކައުންސިލުން ކުރާ މަސައްކަތެއް ނަމަވެސް ބަޖެޓްގެ ތާށިކަމުން ބަޔަށް އެސްޓިމޭޓަށް ދޫކޮށްލައިގެން އެ މަސައްކަތް ކުރަން ކައުންސިލަށް އޮތީ ދަތިވެފައި، އެ މަގު އަނދިރިވުމުން ރައްޔިތުން ދިޔައީ އުނދަގޫ ތަހައްމަލު ކުރަމުން، އެހެންވެ އަޅުގަނޑުމެން ކައުންސިލާއި ބައްދަލުކޮށްފައި ދެންނެވިން އެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދޭން ތިބިކަމަށް، ކައުންސިލުން ތަކެތި ދެއްވީ، އެ މަގުގައި ކަރަންޓް ކޭބަލް ލުމަށް ކޯރު ކޮނުމުން ފެށިގެން ބައްތި ދަނޑިތައް ވެލްޑިން ކުރުން ފަދަ ހުރިހާ ކަމެއް ކޮށްދީ އެ މަސައްކަތް ފުރިހަމަކޮށް ދިނީ އަޅުގަނޑުމެންގެ މުވައްޒަފުން''

ރަމްޒީ ވިދާޅުވިއެވެ.

ނަރުދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން މިދިޔަ އަހަރު ހިންގި މަގު ބައްތި ޖެހުމުގެ ހަރަކާތުގެ ތެރެއިން

ނަރުދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން ހިލޭ ސާބަހަށް ކުރި އެ މަސައްކަތުން ވަނީ އެ މަގުގައި 5 ފައްތިޖަހައި، ރައްޔިތުންނަށް އެ މަގުގެ އަލިކަން ލިބޭގޮތް ހަދައި ދީފައެވެ.

ނަރުދޫ ފެނަކަ ބްރާންޗް މުވައްޒަފުން އިސްނަގައިގެން ހިލޭ ސާބަހަށް އެރަށުގެ މަގެއްގައި ބައްތި ޖަހައިދީފައި

2019: "ރީތި ސާފު ނަރުދޫ" ޕްރޮގްރާމް

29 އޮކްޓޯބަރ 2019 ވަނަދުވަހު އެ ބްރާންޗުން އިސްނަގައިގެން "ރީތި ސާފު ނަރުދޫ" ނަމުގައި ރަށުތެރެސާފުކުރުމަށް ހިންގި ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ނަމޫނާ ޕްރޮގްރާމެކެވެ. އެހަރަކާތުގައި ފުރަތަމަ ޕްލާސްޓިކްހޮވުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފައިވާއިރު، 17 ޓީމު ބައިވެރިވި އެ މުބާރާތުގައި 3 ޓަނު ޕްލާސްޓިކް (35191 ޕްލާސްޓިކް އައިޓަމް) އެއްކުރިއެވެ. އަދި އެ މުބާރާތުގައި ވާދަކޮށް ވަނަތައް ހޯދި ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިނާމްގެ ގޮތުގައި އެއް ވަނަ ޓީމަށް 1000 ރުފިޔާ، ދެވަނަ ޓީމަށް 700 ރުފިޔާ، ތިންވަނަ ޓީމަށް 500 ރުފިޔާ ވަނީ ދީފަ އެވެ. އަދި މިހަރަކާތުގެ ތެރެއިން ޕްލާސްޓިކް ނައްތާލުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޖަމިއްއްޔާ ''ޕާލޭ މޯލްޑިވްސް''އާއި ށ. ނަރުދޫ ކައުންސިލާއި ގުޅާލަދީ، ރަށުތެރޭ ހުންނަ ޕްލާސްޓިކް އެޅުމަށް އެ ޖަމިއްޔާ މެދުވެރިކޮށް ޖަންބޯބޭގް ހޯދައި ދިނެވެ.

މި ޕްރޮގްރާމްގައި ދެވަނަކަމަކަށް ރަށުގެ އަންހެނުންގެ ކޮމެޓީއާއި، ނަރުދޫ ސްކޫލްގެ ދަރިވަރުންނާއި ގުޅިގެން ރަށުތެރެއާއި ގޮނޑުދޮށް ސާފުކުރުމުގެ ދުވަހެއް ކުރިޔަށް ގެންދިޔައިރު، ރަށުގެ ވަށައިގެންވާ ގޮނޑުދޮށް ސާފުކޮށް ޖުމްލަ 1 ޓަނުގެ ކުނި ކުނިކޮއްޓަށް ޖަމާކުރިއެވެ.

"ރީތި ސާފު ނަރުދޫ" ހަރަކާތުގެ ތެރެއިން

ތިންވަނަ ކަމަކަށް ރަށުގެ ހުރިހާ މުއައްސަސާއެއްގެ ހުރިހާ މުވައްޒަފުންނަށާއި، ރަށުގެ ހުރިހާ ގޭބިސީއަކަށް ޖުމްލަ 160 ބިއްލޫރިފުޅި ހަދިޔާކޮށްފައިވާ އިރު، ހަތަރުވަނަ ކަމަކަށް މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ބެނާއާއި، ބޯޑްތައް ހަރު ކުރިއެވެ. އެގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 15 ބޯޑް ހަރުކުރި އެވެ.

މި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން އެންމެ ފަހު ކަމަކަށް ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ދަޢުވަތުދީގެން ރަށުތެރެ ފެހިކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި ރަށުގެ ހޭޅިފަށާއި، ބަނދަރުގައި ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކުގައާއި އަދި ރަށުތެރޭގައި ހުރި ހުސްބިންތަކުގައި ދިވެހި ރުކާއި، ޖައުފާންރުއް، ހިރުނދު، ދިއްގާ، ހިތި، ފަދަ ގަސްތައް އިންދާފަ ވެއެވެ.

ނަރުދޫ ފެނަކަ ޓީމު ދެންވެސް ތިބީީ ރަށުގެ މުއައްސަސަާތަކާއި، ރައްޔިތުންނާއި ގުޅިގެން ރަށުގެ އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވެ، ކުރިއަށް ދާށެވެ. ރަށުގެ ރައްޔިތުން އެ ޓީމަށް ދޭ ހިތްވަރާއި، ތާއީދަށް އުފާކުރަމުން އެ ޓީމު އޮތީ ނަމޫނާ ދެއްކުމަށް އަތުކުރި އޮޅާލައިގެންނެވެ.