ހއ. ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓީޝަން ހުށަހެޅުމުގައި އިސްކޮން ހަރަކާތްތެރިވިފަރާތްތަކުން "ތިލަދުން" އާއި މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މި ޕެޓިޝަންގައި ރައްޔިތުންގެ ފަރާތުން 409 މީހަކު ސޮއި ކޮށްފައިވާކަމަށެވެ.

Ad
rt

އެފަރާތުން އިތުރަށް މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، އެރަށުގައި އަލަށް އިމާރާތް ކުރަމުން އަންނަ އިންޖީނުގޭގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުންގެ ނިންމުމާއި ހިލާފަށް ކަމަށެވެ. އަދި ގާނޫނު ނަމްބަރ 4/96 ގެ ދަށުން ހާދާފައިވާ "މާލެއާއި ރާއްޖެތެރޭގައި ޢާއްމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާއި ބެހޭ ޤަވާޢިދު" ގެ 8.4 ވަނަ މާއްދާއި ހިލާފަށް މީހުން ދިރިއުޅޭ ސަރަހައްދާއި 200 ފޫޓް ހަމަނުވާ ސަރަހައްދަކުން އިންޖީނުގެ އެޅުމަށް ބިން ދޫކޮށްފައިވާތީ އެއީވެސް ކަންބޮޑުވުމެއްކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެފަރާތުން ފާހަގަކޮށްފައިވާ އިތުރު ކަންބޮޑުވުންތަކަކީ، އިންޖީނުގެއަކީ ގިނައަދަދެއްގެ ތެޔޮ ގެންގުޅޭތަނަކަށްވާތީ ތެޔޮގެންގުޅުމުގެ ތެރޭގައި ނުވަތަ އިންޖީނުފަދަ ތަކެތި މަރާމާތުކުރުމުގައި ތެޔޮ ބޭނުންކުރުމުގައި ބިމުގެ ތެރެއަށް ތެޔޮ އެޅި، ވިދިގެން ހުރި ފެންޕްލާންޓުން އުފައްދާ ފެނަށް ތެލުގެ އަސަރު ކުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އެގޮތުން އަސާސީ 2 ޙިދުމަތްކަމުގައިވާ ފެނާއި ކަރަންޓްގެ ޚިދުމަތްދޭ ތަންތަން ޖެހިޖެހިގެން ހުރުމުން އެއްތަނަށްދިމާވާ ހާދިސާއަކުން އަނެއްތަނަށް ނުވަތަ ޙިދުމަތަށް ބޮޑެތި ގެއްލުންލިބި އެ 2 ޚިދުމަތް އެކުއެކީގައި މެދުކެނޑިގެން ދިޔުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ފާހަގަކުރިއެވެ.

ރަށުގެ އުތުރު ސަރަހައްދަކީ ރަށުގެ ބިން ބޮޑުކުރުމަށްޓަކައި ހިއްކަން ޖެހިއްޖެ ހާލަތެއްގައި ހިއްކެން އޮތް ސަރަހައްދަކަށްވެފައި އެސަރަހައްދު ހިއްކައިފިނަމަ މީހުން އުޅޭ ސަރަހައްދުގެ މެދަށް އިންޖީނުގެ އަޅާ ސަރަހައްދު ވާނެ

ޕެޓިޝަން ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މިއަދުގެ 9:00 ގައި ދިއްދޫ ކައުންސިލްގެ މީޓިންގ ރޫމުގައި ރައްޔިތުންގެ ބަޔަކު ބައްދަލުކޮށް ހުށަހެޅި މި ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަކީވެސް، އިންޖީނުގެ އެޅުމާ ގުޅޭގޮތުން ރައްޔިތުންނާއިއެކު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައިވެސް، އަދި އޭގެ ފަހުން ބޭއްވި ބައްދަލުވުން ތަކުގައިވެސް ކައުންސިލާއި ހިއްސާ ކުރަމުން ދިޔަ ކަންބޮޑުވުމެއްކަމުގައި ޕެޓިޝަން ހުށަހެޅި ފަރަތްތަކުން ފާހަގަ ކުރެއްވިއެވެ.