ހއ. ދިއްދޫގައި ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިގޮތުން އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިއްދޫގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ކްލަބުން ބުނެއެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއަދުން ފެށިގެން މިފެށޭ ފެބްރުއަރީ މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގެ ކުރިން އެ ކްލަބްގެ އޮފީސް (ގިނަމާގެ/ހުސައިން ވޯކްޝޮޕް ކައިރި)އަށް ހުށަހެޅުމަށް އެ ކްލަބުން އެދެއެވެ.

ފޯމް ބަލައިގަތުން ކުރިއަށް ދާނީ މި މުއްދަތުގެ ތެރޭގައި ހުކުރު ދުވަސްތަކުގައި، އެރޭ 20:00 އިން 21:00 އަށެވެ. އެނޫން ދުވަސްތަކުގައި ހެނދުނު ު11:00 އިން މެންދުރު 13:00 އަށް އަދި ރޭގަނޑު 20:00 އިން 21:00 އަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނީ އެ ކްލަބްގެ އޮފީހުންނާއި، ''އަލްވާ މާޓް'' އަދި ''ޗާބަޑީ'' އިން ނެވެ.

މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް ގޮތުގައި އެ ކްލަބުން ކަނޑައަޅާފައިވާ އުމުރުފުރާ ތައް:

  • ނާސަރީ/ބޭބީ ނާސަރީ
  • އެލްކޭޖީ
  • ޔޫކޭޖީ
  • 7 އަހަރުން ދަށް
  • 9 އަހަރުން ދަށް
  • 11 އަހަރުން ދަށް
  • 13 އަހަރުން ދަށް
  • 16 އަހަރުން ދަށް
  • 19 އަހަރުން ދަށް
  • 21 އަހަރުން ދަށް
  • 21 އަހަރުން މަތި

މިޑްލް ސްޕޯޓްސް ކްލަބުގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ދިއްދޫ ރައްޔިތުންނާއި ސުކޫލް އުމުރުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި އަދި ފެތުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

'''ދިއްދޫގައި މުޅި ރަށަށް ހުޅުވައިލައިގެން މި ވޭތުވެދިޔަ 2 އަހަރު ޤުރުއާން މުބާރާތެއް ބޭއްވިފައި އެއް ނެތް. އެހެންނަމަވެސް ރަށުގެ ގުރުއާން ކިޔަވާދޭ ކުލާސް ހިންގާ ޖަމިއްޔާތަކުން އެޖަމިއްޔާތަކުން ހިންގާ ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ބާއްވާ، މުޅި ރަށަކަށް ހުޅުވައިލައިގެން ނުބާއްވާ''

ނަޝްވާން ބުންޏެވެ.

''އެހެންވެ ގިނަ ބައެއްގެ އެދުމުގެ މަތިން ބާއްވާ މުބާރާތެއް މިއީ. އިރާދަކުރެއްވިޔާ ކޮންމެ އަހަރަކު 1 ފަހަރު މުޅި ރަށަށް ހުޅުވައިލައިގެން މުބާރާތެއް ބޭއްވުމަށް މިޖަމިއްޔާގެ ހިންގާ ކޮމިޓީއިން މިހާރު ވަނީ ނިންމާފައި''

ނަޝްވާން ބުންޏެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އެރަށުގައި ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ހިންގަމުންދާއިރު، އިއްޔެ އެ ކްލަބުން ވަނީ އެ ރަށުގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލުމަށް އެ ކްލަބުން ހިންގި ޕްރޮގްރާމްގެ ދަށުން އެއްކުރި ހާހެއްހާ މުސްޙަފާއި، ގުރުއާންގެ އާޔަތްތައް ލިޔެފައިވާ އެކިއެކި ފޮތްތައް ނައްތާލާފަ އެވެ.