މާދަމާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކޯވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.
ކޭއާރުއެޗްގެ މެނޭޖަރ އަޙްމަދު ދާއޫދު "ތިލަދުން" އަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ވެކްސިން މިއަދުގެ ވަގުތެއްގައި އެހޮސްޕިޓަލަށް ގެނެވިފައިވާކަމަށެވެ.
ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހޮސްޕިޓަލުގެ ސްޓާފުންނަށް
އަޙްމަދު ދާއޫދު ވިދާޅުވި އެވެ.
ވެކްސިން ދިނުމާއި ގުޅޭގޮތުން އެހޮސްޕިޓަލުގައި އިއްޔެވަނީ އޮންލައިންކޮށް ޓްރެއިނިން ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.
Hands on training on Adverse Event Following Immunisation for our Doctors & Nurses were held today while we prepare for one of the biggest vaccine campaigns in history. #VaccinesSaveLives @presidencymv @MoHmv pic.twitter.com/a2RWWsm2ns
— Kulhudhuffushi Regional Hospital (@KRHmv) January 30, 2021
ކޭއާރުއެޗްގެ އިތުރުން ވެކްސިން ދޭން ފަށާނީ މާލެ، އަދި އައްޑޫގަ އެވެ. ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 150،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 75،000 މީހުންނަށެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ފެށުމާއިގުޅިގެން ހެލްތު ޕްރޮޓެކްޝަނއ އޮތޯރިޓީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދިނުން މާދަމާ، 2021 ފެބްރުއަރީ 1 ގައި ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.
އެޗްޕީއޭއިންބުނީ، ވެކްސިން ޖަހަން ފަށާއިރު ފުރަތަމަ ޖަހާނީ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އިސްކަންދީގެންކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ، ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތިބާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި އަދި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ކުރިޔަށް އޮތްދުވަސްތަކުގައި ވެކްސިންދޭން ފެށޭނެކަމަށް ބުންޏެވެ.
މާދަމާ ވެކްސިންދޭން ފަށާއިރު މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައި.ޖީ.އެމް.އެޗް.، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.
ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ދީފަ އެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!