ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން މިއަދު ބުނީ ކޮޗިން އާއި މާލެ އާއި ދެމެދު ކުރާ ދަތުރުތައް ހަފްތާ އަކު ތިން ދުވަހު ބާއްވާނެ ކަމަށެވެ. އެ ތިން ދުވަހަކީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. އަދި ބެގެޖް އެލަވެންސަށް 30 ކިލޯ ލިބޭނެ ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.

Ad
rt

ގިނަ ޢަދަދަކަށް ދިވެހިން ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިންނަަށް ދަތުރު ކުރެއެވެ. އަދި ސަރުކާރުގެ ބޭސްފަރުވާގެ ނިޒާމް ''އާސަންދަ''އިގެ ދަށުން އެންމެ ގިނަ ބަލިމީހުން ފޮނުވަނީ ވެސް ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށެވެ. ނަމަވެސް ދިވެހިން ބޭސްފަރުވާއަށް އެންމެ ގިނައިން ދަތުރު ކުރަނީ އިންޑިއާގެ ޓްރެވެންޑްރަމަށެވެ. އެ ރަށަށް މޯލްޑިވިއަނުން މިހާރު ވެސް ހަފްތާއަކު ދެ ދަތުރު ބާއްވައެވެ.

މޯލްޑިވިއަންގެ އުދުހުންތަކުގައި ޑޭޝް8 -200 މަރުކައިގެ 37 ގޮނޑީގެ 2 މަތިންދާ ބޯޓާއި ޑޭޝް8-300 މަރުކައިގެ 50 ގޮނޑީގެ 8 މަތިންދާ ބޯޓު ބޭނުން ކުރެއެވެ.

އެއަރލައިނުން މާމިނގިލި ފިޔަވާ ރާއްޖޭގެ ހުރިހާ އެއަރޕޯޓުތަކަށް ދަތުރު ކުރާއިރު ޗައިނާއަށާއި، ތައިލެންޑްގެ ވެރިރަށް ބެންކޮކަށާއި، އިންޑިއާގެ ޗެންނާއީގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ވެސް ދިޔައީ ބޭރުގެ ދަތުރުތައް ކުރަމުންނެވެ.

މޯލްޑިވިއަންއިން މިދިޔަ އަހަރު ވަނީ ބައިނަލްއަޤްވާމީ އެވޯޑް ތަކެއްވެސް ހޯދާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް އެކުންފުނިން ހޯދިއިރު، އެ ކުންފުންޏަށް އެ އަހަރުގެ ޖޫން މަހު ވަނީ ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ވެސް ލިބިފައެވެ.