ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހއ. ހޯރަފުށީ ކައުންސިލުން، ށ. އަތޮޅުގެ ވެރިކަންކަންކުރާ ރަށް، ފުނަދޫއަށް ޒިޔާރަތްކޮށްފިއެވެ.
ހޯރަފުށީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މިމަހުގެ 22 އިން 23 އަށް ފުނަދޫއަށް ކުރި މިދަތުރުގައި އެ ކައުންސިލްގެ އިދާރީ 13 މުވައްޒަފަކު ބައިވެރިވިއެވެ.
ހޯރަފުށީ ކައުންސިލުން ވިދާޅުވީ، މިދަތުރު ކޮށްފައިވަނީ އެ ކައުންސިލާއި، ށ، ފުނަދޫ ކައުންސިލާއި ދެމެދު ވާހަކަ ދެކެވިގެން ކަމަށެވެ. އަދި ދަތުރުން ލިބިގެން ދިޔައީ ވަރަށް ފުރިހަމަ މެހެމާންދާރީއެއްކަމަށާއި، ބައްދަލުވީ ވަރަށް އެކުވެރި ހިތްހެޔޮ ރައްޔިތަކާއި ކަމަށެވެ.
މިދަތުރާއިގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ''ތިލަދުން''އަށް ވިދާޅުވީ، މިދަތުރުގެ ބޭނުމަކީ ރައްޔިތުންނަށް ހިދުމަތްދިނުމަށް ބޭނުންވާ އިތުރު ތަޖުރިބާ އެރަށުގެ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ހޯދައި ދިނުންކަމަށެވެ. އަދި މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
''މިފަދަ ދަތުރެއް ކުރުމުގައި އަޅުގަނޑުމެން ބެލީ އަޅުގަނޑުމެން ކައުންސިލަށްވުރެ ގިނަ މަސައްކަތްތައް ކުރާ ކައުންސިލެއް ޚިޔާރުކުރަން، އެގޮތުން ފުނަދޫ ކައުންސިލް ޚިޔާރު ކުރީ، މި ދަތުރުގައި ލިބުނީ ވަރަށް ފުރިހަމަ މެހެމާންދާރީއެއް، ވަރަށް ހިތްހެޔޮ އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއް ފުނަދޫއަކީ، އަޅުގަނޑުމެން އެ ރަށަށް ގޮސް، އެނބުރި އަންނަންދެން ވެސް ކުރެވުނީ ހަމަ އަމިއްލަ ރަށުގައި ތިބެވޭކަމުގެ އިހުސާސް''
ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ދަތުރުގައި ފުނަދޫ ކައުންސިލަށާއި، އެރަށުގައި ހުންނަ ށ. އަތޮޅު ކައުންސިލަށާއި، ށ. އަތޮޅު ހޮސްޕިޓަލަށާއި، އަދި ފުނަދޫ ސްކޫލަށް ޒިޔާރަތްކޮށް އެ އިދާރާތަކުގެ އިދާރީ މަސައްކަތްތަކާއި، އިދާރީ ތަރުތީބުތައްބަލައި، ދެނެގަނެގަތް ކަމަށެވެ. އަދި އެ ހުރިހާ އިދާރާތަކުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއްދީ، މައުލޫމާތު ފޯރުކޮށް ދިން ކަމަށެވެ.
''އަޅުގަނޑުމެން ޒިޔާރަތްކުރިން ށ. އަތޮޅު ކައުންސިލަށް، އެކައުންސިލުން ހިންގާ ތަރައްގީގެ މަޝްރޫޢުތަކާއި، ވިޔަފާރިތަކާއި، އެނޫންވެސް މަސައްކަތްތައް ރާވާހިންގާގޮތް ބެލުނު، ފުނަދޫ ކައުންސިލަށް ޒިޔާރަތްކޮށް އެކައުންސިލްގެ މާހައުލުގެ މަސައްކަތް ކުރާގޮތްތަކުގެ މައުލޫމާތު އެއްކުރެވުނު، ފުނަދޫ ސްކޫލާއި އަތޮޅު ހޮސްޕިޓަލްގެ އިދާރީ މަސައްކަތްތައް ރޭވިފައި ހުރިގޮތާއި އެ ދެ މުއައްސަސާއަށް ފުނަދޫ ކައުންސިލުން ދެމުންދާ އެހީތެރިކަމާއި، އެހީތެރިކަން ފޯރުކޮށްދޭ ކަންކަމާއި، ގޮތްތައް ބެލުނު، މި ދަތުރުން ލިބުނު ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ ކައުންސިލްގެ މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި، އިތުރު ވިސްނުމާއި، ތަޖުރިބާ ލިބިގެންދާނެކަން ޔަގީން، އަދި އެ މުވައްޒަފުން ޖެހޭނެ ދަތުރު ނިންމާފައި ދަތުރާއި ގުޅޭ ރިޕޯޓެއް ވެސް ކައުންސިލަށް ހުށަހަޅަން،''
ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މުޅި ދަތުރުގައި ވެސް ފެނުނީ އަޚްވަންތަކަން ކަމަށާއި، އެކަމަށްޓަކައި ފުނަދޫ ކައުންސިލަށާއި، އެރަށުގެ މުއައްސަސާތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަށްވާ ކަމަށެވެ.
ވަހީދު ވިދާޅުވީ މި ދަތުރުގައި ފުނަދޫ ކައުންސިލުން ކުނި މަނޭޖްކުރާގޮތް ވެސް ދެނެގަނެވުނު ކަމަށާއި، އަދި ދަތުރު ނިންމާފައި އެނބުރި ރަށަށް ދިޔުމުގެ ކުރިން ށ. މިލަންދޫގައި ވެސް ވަގުތުކޮޅެއް ހޭދަކޮށް އެރަށުގައި ކުނި މެނޭޖްކުރާ ގޮތުގެ މައުލޫމާތާއި، އެ ކައުންސިލުން ކުރަށް މަސައްކަތްތަކުގެ މައުލޫމާތު ހޯއްދެވިކަމަށެވެ. އަދި މިލަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާއާއި ކައުންސިލްގެ މުވައްޒަފުން ބެހެއްޓެވި ގާތްކަން ފާހަގަކޮށް، ޝުކުރުއަދާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހއ. ހޯރަފުށީ ކައުންސިލުން، ށ. އަތޮޅު ފުނަދޫއަށް ދަތުރެއް ކޮށްފައިވާއިރު، ހޯރަފުއްޓަކީ ވެސް ތަރައްގީގެ ގިނަ ފުރުޞަތުތަކެއް ލިބިފައިވާ، މިހާރުވެސް ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުން އަންނަ އާބާދީގައި 3400 އަށްވުރެ ގިނަ މީހުން ތިބިރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!