ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.
ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ''ތިލަދުން''އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ދިވެއްސެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
އެ އޮފިޝަލް ވިދާޅުވީ، އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ރޭގެ ވަގުތެއްގައެވެ.
އެ މައުލޫމާތު ހާމަކުރަށް ވަމުން، ރޭ ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.
ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދިއްދޫން ކޯވިޑް ޕޮޒިޓިވް އިތުރު ކޭހެއް ފެނިފައިވާއިރު ޖެނުއަރީ 14 ވަނަ ދުވަހު ވެސް އެ ރަށުން ވަނީ ކޯވިޑް ކޭހެއް ފެނިފައެވެ. އެމީހާއަކީ ވެސް ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ.
މީގެ ކުރީން ވެސް އެ ރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ކޭސް ތަކެއް ފެނިފައެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!