2021 ވަނަ އަހަރު ފެށުމާ އެކު އުރީދޫން މޯލްޑިވްސްއިން މިވަނީ ޒަމާނީވަންތަ ގޮތަކަށް ރާއްޖޭގެ ތާރީހް އަށް ދިރުމެއް ގެނެސްދީފަ އެވެ.
އާއަހަރަށް އަލިވިލުމާއި އެކު އެންމެ ތަފާތު، އެންމެ ރީތި ކަލަންޑަރު ނެރުމުގެ ވާދަވެރިކަމުގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އުރީދޫން ނެރުނު ދިރޭ ކަލަންޑަރެވެ. މީސްމީޑިޔާގެ މަންސަ ތަކުގައި މި ކަލަންޑަރުގެ ވީޑިއޯތަކާއި ފޮޓޯތައް ވައިގައި ހިފައި ގިނަބަޔަކު އަންނަނީ ހިއްސާކުރަމުންނެވެ.
"ތާރީހުގެ ތެރެއިން ދިވެހިރާއްޖެ"ގެ ނަން ދީފައިވާ މިކަލަންޑަރުގެ ރީތި މަންޒަރު ތަކަށް ދިރުން ގެނުވައިދެނީ ސުނެޕް ޗެޓުންނެވެ. ބޭރުގަނޑުގައި ދިވެހި ދިދަ ކުރަހާފައިވާ ގައުމީ ޖޯށެއް ގެނެސްދޭ މިކަލަންޑަރުން ލޮލުގައި އެންމެ އަޅައިގަން ހިތުގެ އެންމެ ކުދި ނާރުތަކާއި ކުޅެލީ އުތުރުގެ ތާރީޙްއާއި ގުޅިފައިވާ ތިން ކުރެހުމަކުން ނެވެ. އެއީ "ޗޯޅާ ހަނގުރާމަ" އާއި "އުތުރު ގަޑުބަޑު" އަދި "ރޯނު ބޭރުކުރުން" މި ވާހަކަ ތަކުންނެވެ.
ކޮންމެ މަހަކަށް ހާއްސަކޮށްފައިވާ ކުރެހުމަކީ، ތާރީހީ ވާހަކައެކެވެ. އެގޮތުން ފެބުރުއަރީމަހަށް ހާއްސަކޮށްފައިވާ ކުރެހުމުގައިވަނީ ޗޯޅާ ހަނގުރާމައިގެ ވާހަކަ އެވެ. އަޑާއި މަންޒަރު އެކުވުމުން މި ހަނގުރާމައިގެ ތެރެއަށް ވަދެވިގެންދާ ކަހަލަ އެވެ.
ދިހަ ވަނަ ގަރުނުގެ ތެރޭގައި ދެކުނު އިންޑިޔާގެ ޗޯޅާއިންގެ ރަސްގެފާނު ރާޖަރާޖާ ދި ގްރޭޓް ދިވެހިރާއްޖޭގެ އުތުރު ހިފައި އަޅުވެތިކުރިއެވެ. އޭގެ ސަތޭކަ އަހަރު ފަހުން ރާއްޖޭގެ ސިރީ މަހާބާރަނަ ރަސްގެފާނު ލަޝްކަރާއިގެން ވަޑައިގެން އެމީހުންނާ ހަނގުރާމަކުރައްވައި އެއަތޮޅުތައް މިނިވަންކުރައްވައި ދިވެހި ރަސްކަމުގެ ދަށަށް ގެންނަވައި އަލުން ރާއްޖެ އެއްދައުލަތަކަށް ހެއްދެވި އެވެ.
މިކުރެހުމާއި އެކު ކަލަންޑަރުގައި ލިޔެފައިވާ ލިޔުންކޮޅުގައި ބުނެފައިވެއެވެ.
އެވޭލާ ޒަމާނުގައި މަލިކަކީ ދިވެހިރާއްޖޭގެ 14 ވަނަ އަތޮޅު ކަމަށް ބުނެވެ އެވެ. މީލާދީން 10 ވަނަ ޤަރުނާއި 11 ވަނަ ޤަރުނާ ދެމެދުގައި، އިންޑިޔާގެ ޗޯޅާ ރަސްގެފާނު ރާޖަރާޖާ 1 ދިވެހިރާއްޖެއާ ދެކޮޅަށް ކަނޑުމަތީގައި ހަނގުރާމަ ކުރައްވައިގެން، މަލިކު އަތޮޅާއި ތިލަދުންމަތި ހިއްޕެވި ކަމަށް ވާރިދުވެފައިވާ ވާހަކައެއްގައި ބުނެ އެވެ.
މީލާދީން 12 ވަނަ ޤަރުނުގައި ދިވެހި ތަޚުތުގައި އިންނެވި މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި (1121-1142މ)، އެ ރަދުން ޗޯޅާއިންނާ ހަނގުރާމަކުރައްވައި އެމީހުން ބަލިކުރައްވައި އެމީހުން ހިފައިގެން ތިބި ދެ އަތޮޅު އަތުލެއްވި އެވެ. އެރަދުންނަށް "ސާދަ އަތޮޅާއި ދުއިސައްތަ ޖަޒީރާގެ ރަސްގެފާނު" ގެ ނަންފުޅު މީގެ ފަހުން އެރުވި ކަމަށް ބުނެވެ އެވެ. އެވޭލާ ދިވެހިރާއްޖޭގެ "ސާދަ އަތޮޅުގެ" ތެރޭގައި މަލިކު އަތޮޅު ވެސް ހިމެނެ އެވެ.
އޯގަސްޓް މަހު ކިޔައިދޭނީ "އުތުރު ގަޑުބަޑު" ގެ ވާހަކަ އެވެ. ތާރީހީ ލިޔުންތަކުން ބުނާ ގޮތުން އުތުރު ގަޑުބަޑުގައި މާލެ އެރީ 9،452 މީހުންނެވެ. ބޮޑު ތިލަދުންމަތިން ފުރައިގެން އެ މީހުން މާލެ އައީ 552 އޮޑިދޯނިފަހަރުގައެވެ.
ތިލަދުންމަތިން ފުރައިގެން މާލެއަށް ދަތުރުކުރި ތިލަދުންމަތީ ރައްޔިތުންގެ ލަސްކަރު ވަރަށް ސާދާކޮން މި ކުރެހުމުން ސިފަވެގެން ދެއެވެ. އެއްބައިވަންތަކަމާއި ރޭވުންތެރިކަމާއި ޖޯށު ދައްކުވައިދެއެވެ.
އުތުރު ގަޑުބަޑަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއަށް ކުރިމަތިވި ބޮޑުތަދުގެ ތަދުމަޑުކަމާ ގުޅިގެން، އަދި އެދުވަސްވަރު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާލެއިން އުތުރުގައި އުފަންވި ގަޑުބަޑެކެވެ. މިގަޑުބަޑުގެ އެންމެ އިސްވެރިއެއްގެ ގޮތުން މަޝްހޫރުވި ޝަޚުސިއްޔަތަކީ ކުޅުދުއްފުށީ ބޮޑު މުޙަންމަދުކަލޭގެފާނެވެ.
މިކުރެހުމާއި އެކު ކަލަންޑަރުގައި ލިޔެފައިވާ ލިޔުންކޮޅުގައި ބުނެފައި ވެއެވެ.
ސެޕްޓެމްބަރ މަސް ހާއްސަކޮށްފައިވަނީ އުތުރުގެ ރައްޔިތުން ޒަމާނުންސުރެން ކުރަމުން އަންނަ މަސައްކަތެއް ކަމަށްވާ ރޯނު ވެށުމާއި ގުޅޭގޮތުންނެެވެ. މިކަލަންޑަރު އޫރިދޫއަށް ތައްޔާރުކޮށްދީފައިވަނީ ޕަބްލިސިޓީ ބިއުރޯއިންނެވެ. ޕަބްލިސިޓީ ބިއުރޯއަށް ތާރީހީ މަޢުލޫމާތު ފޯރުކޮށްދީފައިވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ރިސާރޗް އެނަލިސްޓް އަޙްމަދު އަލާ އާއި މުޙައްމަދު ނާޖިހު އެވެ.
ރޯނު ވެށުން މިކުރެހުމާއި ގުޅޭގޮތުން ނާޖިހު ވިދާޅުވީ މިކުރެހުމުގަައި ދައްކުވައި ދީފައިވަނީ ހދ. ކުޅުދުއްފުށި ކަމަށެވެ. ކުޅުދުއްފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އައި ރަށެވެ.
ދިވެހި ރޯނަކީ އިހު ޒަމާނުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ކުރިމަތީގައި އަގުހުރި އެއްޗެކެވެ. އަދި އެއީ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކުރި އެއް މުދާވެސްމެއެވެ. ބުނެވޭ ގޮތުގައި ދިވެހި ރޯނަކީ ކަނޑަށް ގަދަ އެއްޗެކެވެ. މިހެންކަމުން އިހުގެ ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް ވަނީ ރޯނުގެ ވިޔަފާރި ކޮންޓްރޯލުކޮށް އޭގެމައްޗަށް އަތްގަދަކުރުމަށް މަސައްކަތްކޮށްފައެވެ.
އެކަލަންޑަރުގައި ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ކަލަންޑަރުގައި ކިޔައިދޭ އިތުރު ވާހަކަތަކުގެ ތެރޭގައި "ގުޅަކުޅޭ ފަސްގަނޑު" "ކެންދޫ މަގާމުފުޅު"، "ގާދިރީ ކަލޭގެފާނު"، "ވާރުގެއަށް ވެދުމާ ދިއުން"، "ފުރަތަމަ ޔުނިވަސިޓީ"، "ފެންފުށީ ގަލު ވަޑާން"، "ހިއްޗަށް ވަޑައިގަތުން"، އަދި "އިނގިރޭސި ހިމާޔަތް" ހިމެނެ އެވެ.
އޯގްމެންޓެޑް ރިއޭލިޓީ (އޭއާރު)ގެ ރަހަތަކެއް ހިމެނޭ މި ކަލަންޑަރުގެ ކޮންމެ ސަފްހާއެއްގައިވާ ކޯޑު ސްނެޕްޗެޓް މެދުވެރިކޮށް ފޯނުން ސްކޭން ކޮށްލުމުން އެ ސަފްހާއެއްގައި ކުރަހާފައިވާ މަންޒަރުތައް "ދިރިގެން" އާދެ އެވެ. ކުރެހުންތަކަށް ދިރުން ލިބޭ އިރު އެ މަންޒަރާއި ގުޅޭ އަޑުވެސް އަހައި ލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!