ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 2021 ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފުނަދޫގެ އުމުރުން 10 އަހަރާއި 16 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދިޔަ މި ޕޮރޮގްރާމްގައި ޖުމްލަ 40 ކުއްޖަކު ވަނީ ބައިވެރިވެ ތަމްރީނުތައް ފުރިހަމަ ކޮށްފައެވެ.
މި ތަމްރީނު ރޮގްރާމް ނިންމާލާފައި ވަނީ، މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންގެ ތެރެއިން ނެގުނު ހަތަރު ޓީމުގެ މެދުގައި ކުޅެވުނު ފުޓްބޯޅަ މުބާރާތަކުންނެވެ.
ފޮޓޯ: ފުނަދޫ ކައުންސިލް
ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، އެ ކައުންސިލުން ވަނީ އެރަށުގެ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ޖުމްލަ 38 ކުއްޖަކު ވަނީ ބައިވެރިވެ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 31 ގެ ނިޔަލަށެވެ.
ފުނަދޫ ކައުންސިލް ބުނެފައި ވަނީ އެ ކައުންސިލުގެ މިހާރުގެ ވިސްނުމަކީ މި ޕްރޮގްރާމް ނިމުމުން، 6-9 އަހަރާއި އުމުރުފުރާއަށް އަމާޒުކޮށްގެން ފުޓްބޯޅަ ޕްރޮގްރާމެއް ފެށުން ކަމަށެވެ.
ށ. ފުނަދޫ ކައުންސިލަކީ ވަރަށް ހަރަކާތްތެރި ކައުންސިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކައުންސިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!