ކެލާގައި ގާއިމުކުރާ ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓްގެ ބިންގާ އަޅައިފިއެވެ.

މި އިންސްޓިޓިއުޓަކީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)ގެ ހެޔޮ އެދުންތަކާއިއެކު، އޭނާގެ ޚަރަދުގައި ކެލާގައި ގާއިމުކުރާ އިންސްޓިޓިއުޓް އެކެވެ.

Ad
rt

މި އިންސްޓިޓިއުޓްގެ ބިންގާ އަޅާފައި ވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ކެލާގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި އިންސްޓިޓިއުޓްގެ ބިންގާ އަޅައިދެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފާއި، ފެނަކައިގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު ސައީދާއި، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ އާއި އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.

ކެލާގައި ގާއިމުކުރުމަށް ނިންމާފައިވާ މި އިންސްޓިޓިއުޓާއި ގުޅޭހޮތުން ކެލާއަށް އުފަން، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ''ތިލަދުން'' އަށް ވިދާޅުވީ، ކެލާއަކީ އަބަދުވެސް ވަރަށް ތަޢުލީމަށް ލޯބިކުރާ ތަޢުލީމީ އެތައް ދަރީންނެއް ތިބި ރަށެއް ކަމަށެވެ. އަދި މި އިންސްޓިޓިއުޓްގެ މަސައްކަތް ނިމި، އެތަނުން ދީނީ ގޮތުން މީހުން ބިނާކޮށް، އުނގަންނައި ދެވޭގޮތް ފަހިވުމީ، ކެލާއަށް ލިބިގެންދާނެ އިތުރު ފުރުޞަތެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

''މިތަން ހެދި ބޭނުން ކުރަން ފެށުމުން މިތަނުން ތަޖުވީދުގެ ހަމަތަކާއިއެއްގޮތަށް ޤުރުއާންގެ ޢިލްމު އުނގެނޭނެ ފުރުޞަތުތައް ހުޅުވިގެންދާނެ، ޢަރަބި ބަސް ދަސްކޮށް ދިނުމުގެ ކިލާސްތައް ހިންގޭނެ، މިތަނުގައި ދީނީ ނަސޭޙަތް ދެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ، އަދި އިސްލާމިކް ލައިބްރަރީއެއް ވެސް މިތަނުގައި ހުންނާނެ''

އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ އުންމީދަކީ އެ ޢިމާރާތުގެ މަސައްކަތް ދާދި އަވަހަށް ފެށިގެން ގޮސް، އެތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބި ދިނުން ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ބޮޑަށް ވިސްނުން ހުރީ ކައުންސިލް މެދުވެރިކޮށް އެތަން ހިންގުން ކަމަށާއި، ނަމަވެސް އެކަމަށް އަދި ފައިނަލް ވަކިގޮތެއް ނިމިފައި ނުވާތީ، އެތަން އެހެން ބަޔެއް މެދުވެރިކޮށް ހިންގުމަކީވެސް ވެދާނެ ގޮތެއް ކަމަށެވެ.

ކެލާގައި ގާއިމުކުރާ ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓަކީ، ކެލާ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ކެލާގެ ރައްޔިތުންނަށް އިބްރޭގެ އަމިއްލަ ޚަރަދުގައި ބިނާކޮށް ދެއްވުމަށް ނިންމަވާފައިވާ އިންސްޓިޓިއުޓެކެވެ.