ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް، ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް ލިބިއްޖެއެވެ.

މިއީ، މޯލްޑިވިއަންއަން މިއަހަރު ލިބުނު ބައިނަލްއަޤްވާމީ 2 ވަނަ އެވޯޑެވެ. އެ ކުންފުންޏަށް މިއަހަރުގެ ޖޫން މަހު ވަނީ ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ވެސް ލިބިފައެވެ.

Ad
rt

މޯލްޑިވިއަންއަށް މިފަހަރު ލިބުނު އެވޯޑް ހަވާލު ކުރުން އޮތީ ވާޗުއަލްކޮށް އިއްޔެ ބޭއްވި ޙަފްލާއެއްގައެވެ. އެ އެވޯޑާއި އެކުންފުނީގެ ފަރާތުން ހަވާލުވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާއެވެ.

އެވޯޑާ ޙަވާލުވެ، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ދެއްވި މެސެޖްގައި މި އަހަރަކީ މި އިންޑަސްޓްރީއަށް ޗެލެންޖިން އަހަރެއްކަން ފާހަގަ ކުރައްވަމުން، ވައިގެ މަގުން ގުޅުވައި ދިނުމަށް މޯލްޑިވިއަންގެ މުއައްޒަފުން ވަރުބަލި ކަމެއް ނެތި ކުރި މަސައްކަތަށް ޝުކުރުއަދާކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މީގެއިތުރުން ޓޫރިޒަމްއާއި އޭވިއޭޝަން އަކީ ގުޅިލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވާ، މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަންއަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

މި ކެޓަގަރީން މީގެ ކުރިން 2 ފަހަރެއްގައި މޯލްޑިވިއަންއަށް ވަނީ ސާޓާ އެވޯޑް ހާސިލް ކޮށްފައެވެ.

މޯލްޑިވިއަންގެ އުދުހުންތަކުގައި ޑޭޝް8 -200 މަރުކައިގެ 37 ގޮނޑީގެ 2 މަތިންދާ ބޯޓާއި ޑޭޝް8-300 މަރުކައިގެ 50 ގޮނޑީގެ 8 މަތިންދާ ބޯޓު ބޭނުން ކުރެއެވެ.

އެއަރލައިނުން މާމިނގިލި ފިޔަވާ ރާއްޖޭގެ ހުރިހާ އެއަރޕޯޓުތަކަށް ދަތުރު ކުރާއިރު ޗައިނާއަށާއި، ތައިލެންޑްގެ ވެރިރަށް ބެންކޮކަށާއި، އިންޑިއާގެ ޗެންނާއި، ކޮޗިން، ޑްރެވެންޑަރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ބޭރުގެ ދަތުރުތައް ކުރެއެވެ.