ށ. ފުނަދޫގައި ފުޓްބޯޅަ އަދި ހޭންޑްބޯޅައިގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ފުނަދޫ އިޖުތިމާއީ މަރުކަޒުގެ ޔޫތު ޑިވްލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވިއެވެ.

Ad
rt

މި ޕްރޮގްރާމާއި ގުޅިގެން މަޢުލޫމާތު ހިއްސާ ކުރަށްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ''ތިލަދުން''އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ރަށްރަށުގެ އިޖުތިމާއީ މަރުކަޒުތައް ހިންގުން ސަރުކާރުން ކައުންސިލް ތަކާއި ހަވާލުކުރެއްވުމާއި ގުޅިގެން، އެކައުންސިލުން އެރަށުގެ އިޖުތިމާޢީ މަރުކަޒު މެދުވެރިކޮށް ފެއްޓެވި ޕްރޮގްރާމެއް ކަމަށެވެ.

މިފަހަރުގެ ޔޫތު ޑިވްލޮޕްމަންޓް ޕްރޮގްރާމްގައި ޖާގަ ދެވިފައި ވަނީ ފުޓްބޯޅަ އަދި ހޭންޑްބޯޅައިން، ކޮންމެ ކުޅިވަރަކުން ވެސް 40 ކުދިންނަށް ކަމަށް އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވިއެވެ.

''ދާދިފަހުން ސަރުކާރުން މިވަނީ ރަށްރަށުގެ އިޖުތިމާޢީ މަރުކަޒުތައް ހިންގާ ބެލެހެއްޓުން ކައުންސިލުތަކާއި ހަވާލު ކުރަށްވާފައި، އެ ގޮތުން މިކައުންސިލުން މިރަށު އިޖުތިމާޢީ މަރުކަޒު މެދުވެރިކޮށް ފެށި ޕްރޮގްރާމެއްމީ، ކޯވިޑްގެ ސަބަބުން ދަރިވަރުން މިތިބީ ގޭގައި ބަންދުވެފައި، ޗުއްޓީގައި ވެސް މިތިބީ ގޭގައި، އެ ކުދިންނަށް ކުޅިވަޅު ކުޅެ، ކުޅިވަރުގެ ހުނަރު އިތުރުކޮށް އަދި ފޫހި ފިލުވާލައި، މިނިވަން ޖައްވެއްގައި އުޅެލައި، އެކުދިން ޝައުޤުވެރިވާ ކުޅިވަރެއް ކުޅެލަށް ގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުންނާއިއެކު މި ޕްރޮގްރާމްފެށީ''

އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވިއެވެ.

ވައިޑީޕީ ގެ ފުޓްބޯޅާގައި ބައިވެރިވާ ސާޅީސް ކުދިން، ފޮޓޯ: ފުނަދޫ ކައުންސިލް

އޭނާ ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ފުޓްބޯޅަ ޚާއްޞަ ކުރެވިފައިވަނީ އެރަށުގެ 10 އަހަރާއި 16 އަހަރާއި ދެމެދު އުމުރުފުރާގެ ފިރިހެން ކުދިންނަށް ކަމަށެވެ. އަދި ހޭންޑްބޯޅަ ޚާއްޞަ ކުރެވިފައިވަނީ 12 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާގެ އަންހެން ކުދިންނަށް ކަމަށެވެ.

''2008 އިން ފެށިގެން އިޖުތިމާޢީ މަރުކަޒުން މާބޮޑު ކަމެއް ނުކުރެވި ހުރީ، އޭގެ ކުރިން މިއީ ކުރިން ވަރަށް ހިންގުންތެރި މަޝްހޫރު އިޖުތިމާއީ މަރުކަޒެއް، ކައުންސިލަށް ލިބުނު މި ފުރުޞަތުގައި 2008 ގެ ފަހުން މިދިޔަ ތަނުގެ ހިތި ތަޖުރިބާ ބަދަލުކޮށްލަށް މަސައްކަތް މިފެށީ، އިރާދަ ކުރެއްވިއްޔާ ޔޫތު ޑިވްލޮޕްމަންޓް ޕްރޮގްރާމް ހުއްޓައި ނުލައި ކުރިއަށް ގެންދާނަން، ކައުންސިލުގެ މިހާރުގެ ވިސްނުމަކީ މި ޕްރޮގްރާމް ޖެނުއަރީގައި ނިމުމުން، 6-9 އަހަރާއި އުމުރުފުރާއަށް އަމާޒުކޮށްގެން ފުޓްބޯޅަ ޕްރޮގްރާމެއް ފަށަން، ހަޤީޤަތުގައި ހުނަރުވެރި ކުޅުންތެރިން އުފަށްދަން އެއީ ވަރަށް މުހިންމު އުމުރުފުރާއެއް''

އަޙްމަދު އިބްރާޙީމްފުޅު ވިދާޅުވިއެވެ.

ވައިޑީޕީގެ ހޭންޑްބޯޅާގައި ބައިވެރިވާ ސާޅީސް ކުދިން، ފޮޓޯ: ފުނަދޫ ކައުންސިލް

މިހާރު ކުރިއަށްދާ ޕްރޮގްރާމްގައި ފުޓްބޯޅައިގައި، ޖެނުއަރީ 1 ހަމައަށް ތަމްރީނުތައް ކުރިއަށް ގެންދިޔުމަށްފަހު ނިންމާފައި ވަނީ ކުދިންގެ ފެންވަރު ހަމަހަމަކޮށް ބަލައިގެން 4 ޓީމަކަށް ބަހާލައި ވާދަވެރި މުބާރާތެއް ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހޭންޑްބޯޅައިގައި ވެސް ދިހަ ދުވަހުގެ ތަމްރީނަށްފަހު ދެން ގެންދާނީ ވާދަވެރި މުބާރާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުވެސް އިތުރު ހަރަކާތްތައް އެރަށުގެ އިޖުތިމާޢީ މަރުކަޒުގައި ހިންގުމަށް ޕްލޭން ކުރަށްވަމުން ގެންދަވާ ކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ އިޖުތިމާއީ މަރުކަޒުގެ ބޭނުން ފުނަދޫ ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ހިފޭނޭހެން ކަންކަން ގެންދެވޭތޯ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ށ. ފުނަދޫ ކައުންސިލަކީ ވަރަށް ހަރަކާތްތެރި ކައުންސިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކައުންސިލެކެވެ.