ހަނިމާދޫ ކައުންސިލުގެ ފަރާތުން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މަސްރޭހުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ އެއްވަނަ މުގުރު ޓީމުން ހޯދައިފިއެވެ.

ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި މުބާރާތުގައި ފިރިހެން ކެޓަގަރީގައި 15 ޓީމް އަދި އަންހެން ކެޓަގަރީގައި 9 ޓީމަކުން ވަނީ ބައިވެރި ވެފައެވެ.

Ad
rt

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކަނބަލުންގެ ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެ ޓީމަތަކަކީ ފިޔަލަ، ގުރާ، މާރެހި، މުގުރު، އެޗްއެޗްސީ، ގިނިމަސް ރެދަން، ޝިރާނީ އަދި އެންވަށި ޓީމެވެ. ފިރިހެން ކެޓަގަރީގައި ބައިވެރި ވެފައިވާ ޓީމްތަކަކީ ޓީމް ދަމާލި، މާކުން، މުގުރު، ފާގަތި، ކުރުކުއްލި، އޮޅުވާލި، ހިބަރު، ކައްޓެޅި، ބެއާރފޫޓް، ދިރުން ފިޝިންގ ޓީމް، ކޮޅުދޮށި، ޓައިގަރ، ޓޮނާ، ހިތްވަރު އަދި ބަރުކޮލިއެވެ.

ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންހެން ކެޓަގަރީގެ މަސް ރޭސް ބާއްވާފައިވަނީ 10 ޑިސެމްބަރ 2020 ވީ ބުރާސްފަތި ދުވަހުއެވެ. އަންހެން ކެޓަގަރީގެ އެއްވަނަ މުގުރު ޓީމުން ހޯދާފައިވަނީ ޖުމްލަ 47 ކިލޯ މަސް ބާނައިގެންނެވެ. އަދި އެ ކެޓަގަރީގެ ދެވަނަ 37.5 ކިލޯގެ މަސް ބާނައިގެން ގިނިމަސް ޓީމުން ހޯދިއިރު ތިންވަނަ ހޯދާފައިވަނީ 36 ކިލޯ މަސް ބާނައިގެން ޓީމް އެޗްއެޗްސީއެވެ. މި ކެޓަގަރީގެ އެންމެ ބަރު މަހެއް ބާނާފައިވަނީ އެންވަށި ޓީމުގެ ސަމޫނާ ހަސަންއެވެ. އަދި މި ކެޓަގަރީގެ އެންމެ ގިނަ މަސް ބޭނި ފަރާތަކަށް ޖުމްލަ 8 މަސް ބާނައިގެން ހޮވިފައިވަނީ އެޗްއެޗްސީ ޓީމްގެ ޒީނާ މުޙައްމަދެވެ.

މުބާރާތުގެ ފިރިހެން ބައިން އެއްވަނަ ހޯދި މުގުރު ޓީމުން ބޭނި ބައެއްމަސް،

މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ މަސް ރޭސް ބާއްވާފައިވަނީ 11 ޑިސެމްބަރ 2020 ވީ ހުކުރު ދުވަހުއެވެ. ފިރިހެން ކެޓަގަރީގެ އެއްވަނަ މުގުރު ޓީމުން ހޯދާފައިވަނީ 145 ކިލޯ މަސް ބާނައިގެންނެވެ. ފިރިހެން ކެޓަގަރީގެ ދެވަނަ 98 ކިލޯ މަސް ބާނައިގެން ހިބަރު ޓީމުން ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ 90.5 ކިލޯ މަސް ބާނައިގެން މާކުން ޓީމުންނެވެ. މި ކެޓަގަރީގެ އެންމެ ބަރު މަހެއް ބާނާފައިވަނީ ކައްޓެޅި ޓީމުގެ އަހްމަދު ސަލީމެވެ. އަދި މި ކެޓަގަރީގެ އެންމެ ގިނަ މަސް ބޭނި ފަރާތަކަށް ޖުމްލަ 18 މަސް ބާނައިގެން ހޮވިފައިވަނީ ހިބަރު ޓީމުގެ ޓީމްގެ މުޙައްމަދު ހަސަންއެވެ.

މުބާރާތުގެ ފިރިހެން ބައިން 1 ވަނަ ހޯދި މުގުރު ޓީމު، ފޮޓޯ: ތޮލްހަތު މޫސާ(ތޮއްލެ ފޮޓޯ ގްރަފީ)

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ 11 ޑިސެމްބަރ 2020 ވީ ހުކުރު ދުވަހުގެ ރޭ ހަނިމާދޫ ބަނދަރު ސްޓޭޖުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގެ ޝަރަފްވެރިންގެ ގޮތުގައި ބައިވެރި ވެފައިވަނީ ހަނިމާދޫގައި ކަޅުބިލަ މަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ހަތަރު މަސްދޯނީގެ އިސް ކެޔޮޅުނެނެވެ.

ހަނިމާދޫ ކައުންސިލުންވަނީ މި ރަސްމިއްޔާތުގައި ހަނިމާދޫގައި ކަޅުބިލަ މަހުގެ މަސްވެރިކަން ކުރުމަށް ރަޖިސްޓަރީކޮށް، އެ މަސައްކަތް ކުރަމުން އަންނަ ހަތަރު ދޯނި ކަމުގައިވާ ދެކުލަ، ރޯސަނީ، ރޯޝަނީ 2 އަދި ދުވެލި ދޯނިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ކަޅުބިލަމަހުގެ މަސްވެރިކަމުގައި ހަނިމާދޫގެ މި އަހަރުގެ އެންމެ ހީވާގި ކެޔޮޅު ވެސް ވަނީ ހޮވާފައެވެ. އެ މަޤާމު ހޮވާފައިވަނީ މަސްރޭހުގައި ބައިވެރިވި ޓީމްތަކުން ވޯޓް ލައިގެންނެވެ. ހިވާގި ކެޔޮޅަކަށް ހޮވިފައި ވަނީ ދެކުލަ ދޯނީގެ ކެޔޮޅު އީސާ އަލީއެވެ.

މި އަހަރު މި މުބާރާތަށް ލިބިގެންދިޔަ ތަރުހީބު ބޮޑުވުމުގެ ސަބަބުން ކުރިއަށް އޮތް އަހަރު ވެސް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި ހަނިމާދޫ ކައުންސިލުންވަނީ ހާމަކޮށްފައެވެ.

ހަނިމާދޫ ކައުންސިލް މަސް ރޭސް މި އަހަރު ކުރިއަށް ގެންގޮސްފައިވަނީ ހަނިމާދޫ ކައުންސިލާއު ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާ ގުޅިގެންނެވެ.