ރާއްޖޭގައި ވޯޓުލާ މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންނަކީ ރިޝްވަތުގެ މުޢާމަލާތް ހިންގާ މީހުން ކަމަށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އާންމުކުރި ދިރާސާއަކުން ދައްކައިފިކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރްޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަނުގެ ދުވަހުގެ މުނާސަބަތުގައި އޭސީސީގެ ރައީސް މަރްޔަމް ޝިއުނާ ދެއްވި ހިތާބުގައި ވިދާޅުވީ، އޭޝިއާގެ ގައުމުތަކުގައި ކޮންމެ ހަތް މީހަކުން އެކަކީ ވޯޓު ދިނުމުގައި ރިޝްވަތުގެ މުއާމަލާތް ހިންގައިފައިވާ މީހެއްކަމަށާއި ރާއްޖެއަށް ބަލާއިރު ވޯޓުލާ މީހުންގެ ތެރެއިން 18 އިންސައްތަ މީހުންނަކީ ރިޝްވަތުގެ މުއާމަލާތް ހިންގާ މީހުން ކަމަށް ބުނެފައިވެއެވެ.
އޭސީސީގެ ރައީސްގެ ޚިތާބުގައި ވިދާޅުވީ ރާއްޖޭގައި އެކި ދުވަސްވަރުމަތިން އާންމު އިންތިހާބުތައް އޮންނައިރު އިންތިޚާބީ ހައްގު ލިބިގަތުމަށްތަކައި ނަޒާހަތްތެރިކަމާއެކު އެހައްގު އަދާކުރުމަކީ އެކަން ކުރަން އޮތް މަގު ކަމުގައި ދެކެން ޖެހޭ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އޭސީސީގެ އަމާޒަކީ، ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހުއްޓުވައި، ގާނޫނީ އިމުގެ ތެރެއިން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަމާމެދު ކެންޑިޑޭޓުންނާއި ވޯޓު ދޭން ތިބި އާންމު ރައްޔިތުން ވެސް ސަމާލުވުމަށް އޭސީސީގެ ރައީސް އިލްތިމާސް ކުރެއްވިއެވެ.
ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މިހުންނަކީ، ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށް ވާނަމަ، އެކަމަށް ފާޅުގައި ދެކޮޅު ހަދަން ޖެހެއެވެ. އެގޮތަށް އަމަލުނުކުރެވޭނަމަ، އިންތިހާބު ކުރެވޭ މީހަކީ، މަދު ބައެއްގެ ބާރުވެރިކަމުގައި އެބަޔަކު ބޭނުންވާ ގޮތަކަށް އެބައެއްގެ ނުވަތަ އަމިއްލަ މަސްލަހަތުގައި ވާހަކަ ދައްކާ ކަންކަން ނިންމާ މީހަކަށް ވެގެންދާނެއެވެ. ނަމަވެސް، އެމަންދޫބުންގެ ބަހަކަށް ވެފައި އޮންނާނީ އެއީ ރައްޔިތުންގެ މަންދޫބުން ކަމަށާއި، ދައްކާ ވާހަކަ ތަކަކީ ރައްޔިތުންގެ އަޑުކަމަށެވެ."
އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވިއެވެ.
ކޮންމެ މުޖުތަމައެއްގައި ވެސް އެތަނެއްގެ ކަންކަން ނިންމުމަށްޓަކައި ރައްޔިތުންގެ ފަރާތުން ބަސް ބުނާނެ މަންދޫބުން އިންތިޚާބުކުރުމަށް ވޯޓު ދިނުމުގެ އަސާސީ ހައްގުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފެންނަމުން ނުދަނީ ކީއްވެގެންކަމާމެދު ވިސްނާ މީހުން ވަރަށް މަދުކަމަށް އޭސީސީގެ ރައީސް ފާހަގަ ކުރެއްވިއެވެ. ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު އަމަލުތަކަށް ހުށަހެޅިގެން ދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެއްކަން ޝިއުނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!