ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލު އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ގާފާލަމުގެ އުތުރުން ޕިކްނިކް އޭރިއާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މިކަމާއި ގުޅިގެން 01 ޑިސެމްބަރ 2020 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އެ ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 10:30 އަށް އެ ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށެވެ.

Ad
rt

މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވޭނީ މިކަމަށްއެދި ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނިކަމަށާއި އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ކަމުގައި ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ހަނިމާދޫގެ ގާފާލަމުގެ އުތުރު އަތިރިމަތީ ސަރަހައްދަކީ ރަށުގެ ގިނަބަޔަކު މިހާރުވެސް ދަތުރު ދިއުމަށް ބޭނުން ކުރަމުންދާ ސަރަހައްދެކެވެ.

މިކަމާއި ގުޅިގެން ''ތިލަދުން''އަށް މަޢުލޫމާތު ދެމުން ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުލް ސަލާމް އަލީ ވިދާޅުވީ، މި ސަރަހައްދު ޕިކްނިކް އޭރިޔާއެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގެ އާއިލާތަކަށް ދަތުރުގޮސް މޫދަށް އެރިލާ ހިތްހަމަ ޖައްސައިލުމަށް އެކަށީގެންވާ މާހައުލެއް މިވަގުތު ނެތުމުގެ ސަބަބުން އެކަމަށް ހައްލު ހޯދައިދިނުންކަމަށެވެ. މިވަގުތު ރަށުގެ ދެކުނު ސަރަހައްދެއްގައި ޕިކްނިކް އޭރިޔާ ހެދި ނަމަވެސް އަންނަ އަހަރު ރަށުގެ އުތުރު ސަރަހައްދެއްގައި ވެސް ޕިކްނިކް އޭރިޔާއެއް ހެދިގެން ދާނެކަމަށް ވެސް ސަލާމް ވިދާޅުވިއެވެ. މިގޮތުން އަންނަ އަހަރު ރަށުގެ ފުޓްބޯޅަ ދަނޑާއި ދިމާ އަތިރިމަތި ޕިކްނިކް އޭރިޔާއެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.