އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގަތީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އިން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ތަޢުލީމާ ގުޅޭ މަހާސިންތާ، ''އެޑިއުކޭޝަން ޑިއުރިންގ ކްރައިސިސް: ފޯރޖިންގ އަ ޕާތް ޓު ކޮލިޓީ ލަރނިންގ" އިފްތިތާޙު ކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަ ފުޅުގައެވެ.
ވަރޗުއަލްކޮށް އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި މަހާސިންތާ އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ފަޒްނާ ވިދާޅުވީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަން ވެސް، އަދި ޚާއްޞަކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ވެސް، އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި، އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި އޮތް، އެކަކު އަނެކަކަށް ބަރޯސާވުމާއި، އީޖާދީ ކަންކަމަށް އޮތް ހަނި ފުރުޞަތުތައް ބަދަލުކުރަން ބާރުއެޅިގެންދާނެ ކަމުގައި ވެސް ކަމަނާ ވިދާޅުވިއެވެ.
މިގޮތުން އެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން އެކަމަނާ ވަނީ މަދުރަސީ މަރުޙަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާޢީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ ދަރިވަރުންނާއި ހަމައިން ނިންމައިނުލައި، މުދައްރިސުންނާއި، ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމަޢުގެ ހުރިހައި ފަރުދުން ހިމެނޭ ގޮތަށް، ރިވެތި އާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން އެ ކަމަނާ ވަނީ އެދިވަޑައިގެންފައެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ފަޒްނާ ވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއަކީ ތަޢުލީމީ ދާއިރާ އެ މިސްރާބަށް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.
އެން.އައި.އީ.އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަހާސިންތާގެ މަޤްޞަދަކީ ކޯވިޑްގެ ޙާލަތުގައި ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އީޖާދީ އަދި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމާއި އުނގަންނައިދިނުން ކުރިއަށްގެންދިޔުމުގެ ފަހަތުގައި ތިއްބެވި ބޭފުޅުން އެއް ތަނަކުން ބައްދަލުކޮށް، އެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަހާސިންތާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!