ޖީ-20 ސަމިޓް ބޭއްވުނު ފުރަތަމަ ޢަރަބި ޤައުމެއްގެ ލަޤަބު ސަޢުދީ އަރަބިޔާއަށް ލިބި އެ ޤައުމުގައި ސަމިޓް ބާއްވައިފިއެވެ.

އިއްޔެ ބޭއްވުނު މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ކޯވިޑް-19 ގެ ކަންކަމާއި، އަޑިއަށް ދަމުންދާ ޤައުމުތަކުގެ އިޤްތިޞާދާއި ބެހޭ ގޮތުންނެވެ.

Ad
rt

2 ދުވަހަށް ބަހާލަފައިވާ މި ސަމިޓްގައި ދުނިޔޭގެ ވަރުގަދަ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ. ދުނިޔޭގެ މި ޤައުމުތަކުން 'ވާރޓުއަލް' ކޮށް މި ސަމިޓުގައި ބައިވެރިވުމަށް ނިންމާފައިވާ އިރު، ގިނަ ބަޔަކު ގޮވާލާފައިވަނީ މި ސަމިޓުގައި ދުނިޔެއަށް މި ވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކޯވިޑް-19 ގެ ވެކްސިން އަވަހަށް އުފެއްދުމަށާއި، ދުނިޔޭގެ ޤައުމުތަކުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރުމަށެވެ.

'ޑިޖިޓަލް ޑިޕްލޮމެސީ' ގެ ނަމުން ނަންދީފައިވާ މި ފަހަރުގެ ސަމިޓުގައި ދުނިޔޭގެ ވަރުގަދަ ލީޑަރުންގެ ކުރިމަތިލުން ދާނީ އޮންލައިން ކޮށެވެ. މީގެ ކުރީގެ އަހަރުތަކުގައި މި ސަމިޓުގައި ލީޑަރުން އެކަކު އަނެކަކާއި ދިމާވެ ކަންކަން މަޝްވަރާ ކުރާނެ ޖާގަ ވަނީ ލިބިފައެވެ.

ސަޢުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން މި ސަމިޓުގައި ބައިވެރިވާ އިރު، ދުނިޔޭގެ ލީޑަރުން ކަމަށްވާ ޖަރުމަނުގެ އެންޖެލާ މާރކަލް، ޗައިނާގެ ރައީސް ޝީ ޖިންގްޕިން، ރަޝިޔާގެ ލީޑަރު ވްލަޑްމީރް ޕޫޓިން މި ސަމިޓުގައި ވާހަކަފުޅު ދައްކަވާނެއެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް މި ސަމިޓުގައި ބައިވެރިވާނެއެވެ.

ޖީ-20 ގެ ޤައުމުތަކުން މިހާތަނަށް 21 ބިލިއަން ޑޮލަރު ކޯވިޑް-19 އާއި ދެކޮޅަށް ޚަރަދުކޮށްފައިވާ އިރު، 56 މިލިޔަން މީހުނަށް މިހާރު މި ބަލިވަނީ ޖެހިފައެވެ. އަދި ބަލި ޖެހިގެން މިހާތަނަށް ދުނިޔެއިން 1.3 މިލިޔަން މީހުން ވަނީ މަރުވެފައެވެ.