ރާއްޖޭގެ ގިނަ ރައްތަކެއްގެ ރައްޔިތުންނަށް އަދިވެސް ފެނާ، ނަރުދަމާ ފަދަ އަސާސީ ޙައްޤުތައް ފުރިހަމަ ނުވާކަމަށާއި، އެ ރައްޔިތުންގެ ހައްގުތައް ފުރިހަމަ ނުވަނީސް މާލޭގެ ވަށައިގެން ހަތަރުފަސް ބްރިޖު އެޅުން މަޑުޖައްސާލަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ބަޖެޓުން ސަރުކާރުގެ ހެޔޮ ނިޔަތް ފެންނަ ކަމަށެވެ. ރަނގަޅު ބަޖެޓަކީ ދެކޮޅަށް ވާހަކަ ދެއްކޭނެ އެއްޗެއްކަން ފާހަގަ ކުރަށްވާ އޭނާ ވިދާޅުވީ އިޤްތިޞާދީ ގޮތުން ދައްކާވާހަކާގައި ދެކޮޅުވެސް އޮންނާނެ ކަމަށެވެ.
''އެހެންވީމާ، އެއްބަޔަކު އެބަ ބުނޭ ބަޖެޓު މި ހަދަނީ މިހާރު ކުރީގައި ކަޑަޖަހާ އުސޫލުން ނޫންހެއްޔޭ؟ ނޫނިއްޔާ ބިންގާއަޅާ ސޫލުންނެއް ނޫންހެއްޔޭ؟ އެހެންވީމާ، ހަމަ ކުރީގައި ހަމަ ކަޑަޖަހާފައި ބިންގާއަޅާ އުސޫލުން މިހާރު ބަޖެޓުގައި ވެސް ހަމަ އެއްޗެއް ޖަހާލަނީއޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން އޮތީ، މި ސަރުކާރުގެ ހެޔޮ ނިޔަތް އިޚުލާޞްތެރި ނިޔަތް އޮތްކަން އަޅުގަނޑު ހަމަގައިމު ވެސް ގަބޫލުކުރަމޭ.''
ޢަލީ ވިދާޅުވިއެވެ.
އެގޮތަށް އޭނާ ވިދާޅުވާ ސަބަބެއްކަމަށް ޢަލީ ފާހަގަ ކުރެއްވީ ޒަމާންތަކެއް ވަންދެން ސަރުކާރުތަކުގެ އިސް ބޭފުޅުން ދެއްކެވި ވާހަކައެއް މި ސަރުކާރުގެ ބޭފުޅުން ނުދައްކަވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
''އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކި ގޮތަކަށް ހުރީމާ، ވަކި ޕާޓީއަކަށް ނިސްބަތްވާތީ، ވަކި ފިކުރެއް ހުރީތީ، ވަކި ގޮތަކަށް ވާހަކަދައްކާތީ، ވަކި ކަމެއް ކުރާތީ ނުކުރާތީއޭ ރަށުގައި ކުރަންޖެހޭ ކަންތައްތައް ނުކުރެވެނީ. ދާއިރާއަށް ކުރަންޖެހޭ ވާހަކަ ހަމަގައިމު ވެސް މިހާރު ހުއްޓި ނިމިއްޖެ. ހަމައެއާއެކީގައި ސަރުކާރުން އިޢުލާންކުރައްވާފައި އެ އޮތީ، 2023 ނިމެންވާއިރަށް ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިމޭނޭ. އަޅުގަނޑުމެން އެ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެބަ ދެއްވާ. އަދިވެސް ބެނެފިޓް އޮފް ޑައުޓު، އަޅުގަނޑުމެން މި ކިޔާ އަޅުގަނޑުމެން ހިތުގައި މި އުފެދޭ ޝައްކުގެ ފައިދާ، އަޅުގަނޑު ހަމަ ދޭހިތްވަނީ ދިވެހި ސަރުކާރަށް. އެއީ މި ދެންނެވި ގޮތަށް އެކަން ކުރުމުގެ އިޚުލާޞްތެރި ނިޔަތް އޮތީމަ. އެހެންނަމަވެސް، ވިސްނާ މީހުން ވިސްނާފައި، އަދި އަޅުގަނޑުމެން ވެސް މިހެން ބަލައިލީމާ ކަންބޮޑުވާ ކަންތައްތަކެއް މި ބަޖެޓުން ހަމަ ސާފުކޮށް އެބަފެނޭ.''
ޢަލީ ވިދާޅުވިއެވެ.
ބަޖެޓުން ހިތްހަމަނުޖެހޭ ކަންތަކެއް ވެސް ފެންނަން ހުރިކަން ފާހަގަ ކުރަށްވާ ޢަލީ ވިދާޅުވީ އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި އިސްކަންދޭ ތަރުތީބު ފާހަގަ ކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި ރާއްޖޭގެ ކުދިކުދި ރަށްރަށުގައި، ވަރަށް ގިނަ އަދަދެއްގެ ރަށްރަށުގައި އަދިވެސް ފެނާއި ނަރުދަމާ އޮތީ ނޭޅިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
''އެ ހާލަތުގައި ރައްޔިތުން ތިއްބާ، މާލޭގެ ވަށައިގެން ހައެއްކަ ބްރިޖް އެޅުމަކީ، ހަތަރުފަސް ބްރިޖެއް އެޅުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ވަގުތު އަޅުގަނޑުމެން މަޑުޖައްސާލަންޖެހޭ ކަމެއް. އެއީ ރައްޔިތުން ތިބީ އަސާސީ ބޭނުންތައް ނުފުދިފަ. އަސާސީ ޙައްޤުތަކަށް ރައްޔިތުން އެތިބީ ބޭނުންވެފަ. ބައެއް ރަށްރަށުގައި ގޮސް ބޮލަށް ފެންއަޅައިލީމަ ހަމަ ޙަޤީޤަތުގައި ވެސް އިއްޒަތްތެރި ރައީސް ހަމަ ދެރަވޭ. ދެރަވެ ރޮވޭ ހަމަ. ލާ ރަހައާއި ދުވާ ވަސް އިހުސާސްކުރެވޭނީ އެ ރަށްރަށުގައި އުޅޭ މީހުންނަށް.''
ޢަލީ ވިދާޅުވިއެވެ.
''އަޅުގަނޑުމެން އަދި ރައީސް ވެސް ކެމްޕޭންތަކަށް ވަޑައިގެން ރަށްރަށުގައި މަޑުކުރައްވާއިރުގައި އެ ފެން ބޮލަށް އަޅައިލީމާ، އެ ދުވާ ވަހުން އިހުސާސްކުރެވޭނެ އަޅުގަނޑު މިދައްކަނީ ކޮންވާހަކައެއްކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ދަތި ހާލެއްގައި އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭނީ ހަމަ ކޮންމެހެންވެސް ނުކޮށްނުވާ ޚަރަދުތައް ކުރަން. އަޅުގަނޑުމެންނަށް ފަހަށް ޖައްސާލެވެން ހުރި ކަންތައްތައް ފަހަށް ޖައްސާލަންޖެހޭ ހާލަތު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ މިދެންނެވި ގޮތަށް މި ޚަރަދުތައް ކުޑަކުރުމަށްޓަކައި، ވަކިން ޚާއްޞަކޮށް އިސްކަންދޭ ތަރުތީބު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ބަދަލުކުރަން އެބަޖެހޭހެން.''
ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ އިޤުތިޞާދީ ހަރަކާތްތައް ހިނގައިގެންދާއިރުގައި އިޤުތިޞާދީ ގޮތުން ބަލަންޖެހޭ ބެލުންތަކަކާއި ކަންތައްތަކެއް ވެސް ހުންނާނެ ކަމަށާއި، އެހެންނަމަވެސް، އަސާސީ ޙައްޤުތައް ދިނުމުގައި ވަކި ކުޑަ ރަށެކޭ، ބޮޑު ރަށެކޭ ތަފާތުކޮށްގެނެއް ނުވާނެ ކަމަށެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ ބަހުސް މިހާރު ނިމިފައިވާއިރު، ބަޖެޓް ރިޕޯޓަށް ތަޅުމުގައި ބަހުސްކޮށް މިމަހުގެ 23 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލައަކީ 37.79 ބިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!