ހދ. ނާވާއިދޫ ސްކޫލާއި ހދ. ނޭކުރެންދޫ ސްކޫލު ވަށާފާރު ރޭނުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އަދި މަސައްކަތް ހަވާލު ކުރި ޓްރައިކޯ އިންވެސްޓްމަންޓުން ޑިރެކްޓަރު އަލީ ނިޒާމް ސޮއި ކުރެއްވި އެވެ.
މިރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ އާއި ހަނިމާދޫ ދާއިރާގެ މެންބަރ އަބްދުލް ޢަފޫރުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ނޭކުރެންދޫ އާއި ނާވައިދޫ ސްކޫލް ފާރު ރޭނުމަށް ހަވާލު ކުރީ އެއް މިލިއަން ރުފިޔާ އަށެވެ. މި ދެ ސްކޫލުގެ މަސައްކަތްވެސް ހަވާލު ކޮށްފައިވަނީ 68 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫތަކެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އިތުރު ކްލާސްރޫމްތައް އެޅުމާއި ކިޔަވއިދިނުމަށް ބޭނުންވާ އެހެނިހެން ސާމާނުތައްވެސް ފޯރުކޮށްދެއްވަމުންނެވެ. މީގެ އިތުރުން ސްކޫލްތަކުގެ އައުބައުތުރަ ފިލުވުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!