ހއ. އުތީމު ބަނދަރު މަރާމާތުގެ މަސައްކަތާއި ގުޅިގެން ބައެއް ފަރާތްތަކުން އެކަމަކީ ސަރުކާރުން ކުރާ މަސައްކަތެއް ނޫންގޮތަށް، އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވިދާޅުވެއްޖެ އެވެ.

މެންބަރު އަޙްމަދު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އަޙްމަދު ވިދާޅުވީ އޭނާ ތަމްސީލުކުރަށްވާ ބާރަށު ދާއިރާގެ ލަފާފުރުމުގެ ކަންތައްތަކަށް ހައްލު ބޭނުންވާ ކަމަށެވެ. މިގޮތުން އެދާއިރާގެ މުރައިދޫގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން އަދި މިއަދާ ހަމައަށް އައިއިރު ވެސް ވަނީ ޙައްލުނުކުރެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، މި ފަހަރުގެ ބަޖެޓުން އެކަމަށް އުއްމީދު ލިބި، އެ މަސައްކަތްކުރުމަށް ހިމަނާފައިވާތީ އުފާކުރަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޙްމަދު ތަމްސީލް ކުރަށްވާ ބާރަށު ދާއިރާގައި ހިމެނޭ އުތީމުގެ، ބަނދަރާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެރަށުގެ ބަނދަރު ހެދުނުތާ އަހަރެއްވެފައިވާއިރު، އެ މަޝްރޫޢުގެ ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ނިމި، އެ މަސައްކަތް ކުރި ކޮންޓްރެކްޓަރުގެ ފަރާތުން، މަޝްރޫޢުގެ އެއްބަސްވުމާއި އެއްގޮތަށް އެ ބަނދަރުގެ މަރާމާތުގެ މަސައްކަތްކުރަން އެރަށަށް ގޮސްފައިވާ ކަމަށެވެ.

''އުތީމުގެ ބަނދަރު ހެދި އަހަރެއްވެ، ޑިފެކްޓް ލައިބިލިޓީ ޕީރިއަޑް ނިމި، އެ މަސައްކަތް ކުރި ކޮންޓްރެކްޓަރުގެ ފަރާތުން މިދެންނެވި މަސައްކަތްކުރަން މިއަދު ގޮސްފައިވާއިރުގައި ބައެއް ފަރާތްތަކުން މިކަންކަން އޮޅުވައިލައި، އަދި އެއީ، ކޮންމެވެސް އެހެން ބަޔަކު ޚަރަދުކޮށްގެން ކުރާ ކަމެއް ކަމަށް ދެކެވެމުން، ވާހަކަތައް ފަތުރަމުންދާތީވެ، އަޅުގަނޑު ހަމަ ދަންނަވައިލާނީ، ކޮންމެ ޕްރޮޖެކްޓަކީ ވެސް މިދެންނެވިހެން ރިޓެންޝަންގެ ފައިސާ ހިފެހެއްޓިފައި ހުންނަ އަދި އެ ފައިސާ މިދެންނެވި މުއްދަތު ނިމި، ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމުން ދޫކުރެވޭ އެއްޗެއް، އެ ފައިސާ ދެނީ މި ސަރުކާރުން.''

އަޙްމަދު ވިދާޅު ވިއެވެ.

އަޙްމަދު ވިދާޅުވީ މިއަދު އޮތީ، އެމްޑީޕީގެ ސަރުކާރެއް ކަމަށާއި، އެ ފައިސާ ދެނީ މިއަދު އޮތް އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.

''އެއީ އެއްވެސް ބޭފުޅަކު ކުރާ ކަމެއް ނޫން، ނޫނީ އެއީ އެއްވެސް މީހެއްގެ ޖީބަކުން ކުރާ ޚަރަދެއް ނޫން. އިއްޒަތްތެރި ރައީސް، އަޅުގަނޑަށް ހީވަނީ އެ ފަރާތްތަކަށް މިފަދަ ކަންކަން ކޮންމެވެސް ވަރަކަށް ސާފުވާންޖެހޭހެން.''

އަޙްމަދު ވިދާޅުވިއެވެ.

އަޙްމަދު ތަމްސީލު ކުރާ ބާރަށު ދާއިރާގެ އަނެއް ދެ ރަށާއި ގުޅޭގޮތުން އޭނާ ވިދާޅުވީ، ބާރަށާއި ތަކަންދޫގެ ލަފާފުރުމުގެ މައްސަލަ ޙައްލުކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި، އެކަމާއި އުފާ ކުރަށްވާ ކަމަށެވެ.

އިއްޔެގެ ޖަލްސާގައި ބަހުސް ކުރިއަށް ގެންދަވަމުން އަޙްމަދު ވަނީ އޭނާ ތަމްސީލް ކުރަށްވާ ބާރަށު ދާއިރާގެ ރަށްތަކަށް ކަމަށްވާ ބާރަށް، އުތީމު، މުރައިދޫ އަދި ތަކަންދޫއަށް ބަޖެޓުން ދީފައިވާ ފުރުޞަތުތަކާއި، އެ ރަށްތަކަށް އިތުރަށް ބޭނުންވާ ކަންކަމާއި، ސަބަބުތަކާއި އެކު ފާހަގަ ކުރަށްވާ ވާހަކަ ދައްކަވާފަ އެވެ. އަދި އެރަށްތަކުގެ ރައްޔިތުންގެ އުންމީދު ތަކާއި އެއްގޮތަށް ބަޖެޓުން ފުރުޞަތު ހޯދުމަށް އޭނާ ވަނީ ވަކާލާތު ކުރަށްވާ ވާހަކަ ދައްކަވާފަ އެވެ.