300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކުރުމަށް، އެ ހޮސްޕިޓަލްގެ ރަޖިސްޓަރީ ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމަށް ދަންނަވައިދޭން އެދިފައިވާ ސިޓީއެއް އާންމު ވެއްޖެއެވެ.

އާންމުވެފައިވާ ސިޓީއަކީ ރައީސް ޞާލިޙަށް އެޑްރެސްކޮށް، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ނަމުގައި ސޮއި ކޮށްފައިވާ ސިޓީއެކެވެ.

Ad
rt

އާންމުވެފައިވާ މި ސިޓީގައި ބުނެފައި ވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަޖިސްޓްރީ ކުރުމާއިބެހޭ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫ ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާއި އެކު ކުރަމުން ގެންދާ ކަމަށެވެ.

"އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭއެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހެއެވެ. މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ.''

އެސިޓީގައި ބުނެފައި ވެއެވެ.

"ޝަރީއާ އޮނިގަނޑުގެ ތެރެއިން މި ސުކޫކު، އިޝޫ ކުރުމަށް ބޭނުން ކުރަން ޖެހޭ އެސެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓަރ ކުރެވިފައިވާ އެސެޓަކަށް ވާންޖެހެއެވެ. ނަމަވެސް މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލް
ރެޖިސްޓްރީ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ނަންމައްޗަށެވެ. ވީމާ، މި ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލް މިމިނިސްޓްރީގެ ނަންމައްޗަށް ރަޖިސްޓްރީ ބަދަލުކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލަށް ދަންނަވައިދެއްވުމަށް އެދި ދެންނެވީމެވެ.''

އެސިޓީގައި އިތުރަށް ބުނެފަ ވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ރަހުނު ކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވަނިކޮށް، މިސިޓީ އާންމުވެފައިވާއިރު، އިދިކޮޅުން މިއަދު ވަނީ މިފަދަ ސިޓީއެއް ލިބިފައިވާކަމަށް ބުނެފައެވެ.

މިސިޓީއާއި ގުޅިގެން އެއީ ސައްޙަ ސިޓީއެއްކަން ނުވަތަ ސައްޙަ ސިޓީއެއް ނޫންކަމަށް ވެސް އަދި ސަރުކާރުން ބުނެފައެއް ނުވެއެވެ.