ހއ. ދިއްދޫގައި އިމާރާތް ކުރާ އައު އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މި ބިންގާ އަޅާފައިވަނީ މިކަމަށް ހާއްސަ ކޮށްގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އަދި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު އެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން ކުރިޔަށްދާ މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ދިއްދޫގައި އިމާރަތްކުރާ އިންޖީނުގޭގައި 10 މެގަވޯޓުގެ ސިސްޓަމެއް ބެހެއްޓޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި މިހާރު އިމާރާތްކުރާ އިންޖީނުގެތަކަކީ މިހާރު ހުރި އިންޖީނުގެތަކާ ވަރަށް ތަފާތު އިންޖީނުގެތަކެއް ކަމަށާއި މި އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަނުން 48 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެތެރެއިން 15 އިންޖީނުގޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް ސައީދުވަނީ ވިދާޅުވެފައެވެ.
ރަށްރަށުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެތަކެއް އެޅުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އަލިއަޅުއްވާލައްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ، ދިއްދޫގެ އާ އިންޖީނުގޭގެ ބިންގާ މިއަދު އެޅިގެންދިޔަކަމީ، ދިއްދޫގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
މި އިންޖީނުގެ ޢިމާރާތްކުރެވި، އަދި އެއާ ގުޅިގެން ދިއްދޫގެ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު މަތިވެގެންދިޔުމަކީ އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި، ޒަރޫރީ ބޭނުންތަކަށް އަދި ވިޔަފާރިއާއި އެހެނިހެން ޚިދުމަތްތަކަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެކަން ޔަޤީނެވެ.
ވަހީދު ވިދާޅުވެފައި ވެއެވެ.
މިއަދު ދިއްދޫގެ އިންޖީނުގޭގެ ބިންގާ އެޅިގެންދިޔައިރު، މި މަސައްކަތް މި ހިސާބަށް މިއައީ ގިނަ ބޭފުޅުންތަކެއް ނުހަނު ހިތްވަރުކޮށްގެންކަން ވަހީދުވަނީ ފާހަގަކުރައްވާފަ އެވެ. ޚާއްޞަކޮށް ދިއްދޫ ކައުންސިލާއި، ފެނަކަ ހއ ބްރާންޗް އަދި ދިއްދޫ އިންޖީނުގެއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ މުވައްޒަފުންގެ ނަން ފާހަގަކޮށް އެ އެންމެ ބޭފުޅުންނަށް ވަހީދު ވަނީ ޝުކުރު ދަންނަވާފަ އެވެ. އަދި ދިއްދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާކަން ފާހަގަކުރަމުން ވަހީދު ވިދާޅުވީ އަދުގެ ސަރުކާރާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް އަޙުމަދު ސަޢީދަށް ވެސް ވަނީ ޝުކުރު ދަންނަވާފައެވެ.
އަޅުގަނޑުގެ އުންމީދަކީ މި އިންޖީނުގޭގެ މަސައްކަތް ޕްލޭނާ އެއްގޮތަށް އަވަހަށް ނިމި އެ ތަނުގެ ޚިދުމަތް އަވަހަަށް ލިބިގެންދިޔުމެވެ.
ވަހީދު ވިދާޅުވެފައިވެއެވެ.
ދިއްދޫގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނު ގެއިން އިވޭ ގަދަ އަޑާއި ދުމުގެ ސަބަބުން ރައްޔިތުންނަށް އަންނަނީ ތަފާތު އެތަކެއް ގޮންޖެހުން ތަކަކާ ކުރިމަތި ވަމުންނެވެ. މިއަދު ބިންގާއެޅިގެން ދިޔަ އިންޖީނު ގެ އިމާރާތް ކުރެވިގެން ދާނީ ރައްޔިތުން ދިރިއުޅޭ ސަރަހައްދާ 200 ވަރަކަށް ފޫޓު ދުރުގައި ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!