ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ގްރީން ލޯނު ރަހުނަކާއި ނުލައި 5 ލައްކަ ރުފިޔާއާއި ހަމައަށް މިހާރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ ތިމާވެއްޓާއި ރަށްޓެހި އިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އެ ބޭންކުން ދޫކުރާ ގްރީން ލޯނު ރަހުނަކާއި ނުލައި މިހާރު 5 ލައްކަ ރުފިޔާއާއި ހަމައަށް ލިބޭނެ ކަމަށާއި، އަދި ރަހުނަކާ ނުލައި ފަސްލައްކަ ރުފިޔާއާ ހަމަޔަށް ދޫކުރާ ގްރީން ލޯނު ތައާރަފްކުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމަޔަށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ގްރީން ލޯނެއް ތަޢާރުފު ކުރެވިފާވާކަމަށް އެ ބޭންކުން ބުންޏެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި، އިންޓްރެސްޓް ރޭޓަކީ %12 ކަމަށް އެ ބޭންކުން ބުންޏެވެ. މިއީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މީގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭ
ގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް %10 އަށް ދަށް ކުރެވިފަވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ މި ގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ %15 އަމިއްލައަށް ހަރަދު ކުރަންޖެހޭނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބޭނެ ކަމަށެވެ.
''ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ގެނެވުނު ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެއެވެ. ގްރީން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެ އަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަރޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށެވެ.''
ބީއެމްއެލް އިން ބުނެފައި ވެއެވެ.
"ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، އަދި ހަމައެހެންމެ ރަހުނަކާ ގްރީން ލޯނު ދޫކުރެވޭ ގޮތަށް މިގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. މި ގެނެވުނުބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ''
ބީއެމްއެލްއިން ދޫކުރާ ގްރީން ލޯނަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ގުޅިގެން އެ ބޭންކްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރ މޫސާ ނިމާލް ވިދާޅުވިއެވެ.
Introducing unsecured Green Loan up to MVR 500,000 available to finance environment friendly projects focused on renewable energy!
More details: https://t.co/P80FJdi29x pic.twitter.com/tKQhqwSVg1
— Bank of Maldives (@bankofmaldives) November 5, 2020
ދާދިފަހުން ބީއެމްއެލް އިން ވަނީ އިސްލާމިކްގެ ފައިނޭންސިންގ ހިމެނޭހެން އެ ބޭންކުން ދޫކުރާ ޕަރސަނަލް އަދި ހައުސިން ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް އަދި ޕްރޮފިޓް ރޭޓއަށް ހެޔޮ ބަދަލުތަކެއް ވެސް ގެނެސްފައެވެ.
އެ ބަދަލާއެކު ކަސްޓަމަރުންގެ މެދުގައި މަގްބޫލްކަމެއް ލިބިފައިވާ ލުއި އެކްސްޕްރެސް ލޯން ގެ ރޭޓް ވަނީ %15 އަށް ކުޑަކޮށްފައެވެ. އަދި ޝަރުތު ހަމަވާ ކަސްޓިމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭގޮތް އެ ބޭންކުން ވަނީ ހަމަޖައްސާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!