ހއ. މާރަންދޫ އަދި ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ތެރޭ މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި އެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބު ދެއްވަމުންނެވެ.
މިގޮތުން ހއ. މާރަންދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވަނީ މާރަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިއޮތް ހިސާބެއް އޮޅުން ފިލުވުމަށް މިނިސްޓަރު އަސްލަމާއި ސުވާލުކުރަށް ވާފައި އެވެ.
އެސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މާރަންދޫގެ މަސައްކަތް ހަވާލުރުމަށް ޓަކައި އެމްޑަބްލިއުއެސްސީއާ އެކީގައި މިދިޔަ ހަފުތާގެ ތެރޭގައި ބައްދަލުކޮށް، މި ހަފުތާގެ ތެރޭގައި ކޯޓެޝަނެއް ލިބިފައިވާ ކަމަށެވެ. އަދި ނޮވެމްބަރު 2 ވނަަ ދުވަހު ބޭއްވުނު އިކޮނޮމިކު ކައުންސިލުގެ ބައްދަލުވުމުން އެމްޑަބްލިއުއެސްސީއާ އެ މަސައްކަތް ހަވާލުކުރާކުރުމަށް، އެކުންފުނިން ހުށަހެޅި ކޯޓޭޝަނާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
''އެހެންވީމާ، އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މި ގެންދަނީ އެމްޑަބްލިއުއެސްސީއާ އެކީގައި އެ ރަށްރަށުގެ އެ ޕްރޮޖެކްޓުތަކުގައި ސޮއިކުރުމަށް ޓަކައި މަސައްކަތް ކުރިއަށް މި ގެންދަނީ ޑިފަރޑް ޕޭމަންޓެއްގައި، ވަން ޔިއަރގެ ގްރޭސް ޕީރިއަޑެއްގައި، އަދި ހަތަރު އަހަރުގެ ތެރޭގައި ރީޕޭމެންޓް ހަދާ ގޮތަށް ގެންދާ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކުރުމަށް ޓަކައި އަޅުގަނޑުމެން އެމްޑަބްލިއުއެސްސީއާ އެކީ ނެގޯޝިއޭޝަން ކުރިއަށްގެންދާ ވާހަކަ
ދަންނަވަން. އަޅުގަނޑުމެން އުއްމީދު މި ކުރަނީ، މި އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާ އެކީގައި ކުރަން ހުރި މަސައްކަތްތަކުގައި އަޅުގަނޑުމެންނަށް ސޮއިކުރެވޭނެ ކަމަށް.''
މިޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވެސް ވަނީ ހދ. ކުމުންދޫގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް
ފެށޭނީ ކިހާހިސާބެއް އޮޅުން ފިލުވުމަށާއި އަދި ހދ. މަކުނުދޫއާއި ނޭކުރެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށޭނީ ކިހާހިސާބެއް އޮޅުން ފިލުވުމަށް މިނިސްޓަރު އަސްލަމާއި ސުވާލު ކުރަށްވާފައި އެވެ.
''ކުމުންދޫގެ މަސައްކަތް އަޅުގަނޑު ކުރިން އިއްޒަތްތެރި މެންބަރު ޝިފާޢު ކުރެއްވި ސުވާލުގެ ޖަވާބުގައި ހަމަ އެ ޕެކޭޖުގެ ތެރޭގައި ހިނގަމުންދާ މަސައްކަތެއް. އެހެންވީމާ، އެކުއެކީގައި ދާނެ މަސައްކަތެއް ކުމުންދޫއަކީ. ދެން އަނެއް ދެ ރަށް އެއީ، އޮފިޑުގެ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނިފައި އޮތީ. އަޅުގަނޑުމެންނަށް ނޯއޮބްޖެކްޝަނަށް އިންތިޒާރުކޮށްގެން މިތިބީ، އެ ހިސާބުން ސޮއިކުރާނަން.''
މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މިނިސްޓަރު އަސްލަމާއި ކުރެވުނު މައިގަނޑު ސުވާލު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. ސިރާޖު ކުރެއްވި ސުވާލަކީ "ކޯވިޑް-19އާ ހެދި މަޝްރޫއުތައް މަޑުޖައްސާލާފައިވާ ވަގުތެއްގައި ބަޖެޓްގައި ނުވެސް ނެތް މަޝްރޫއެއްގެ އެއްބަސްވުމެއްގައި ސޮއިކުރީ ކީއްވެތޯ" އެވެ.
ސިރާޖުގެ އިތުރުން މިނިސްޓަރު އަސްލަމް ވަނީ މަޖިލިސްގެ މެންބަރުން ކުރިމަތިކުރެއްވި ގިނަ ޢަދެއްގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!