ހއ.ކެލާ ލިލީ ހައުސް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިޢުލާން ކޮށްފި އެވެ.

އެމަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.ކެލާ ލިލީ ހައުސް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

Ad
rt

މަޢުލޫމާތު ސާފުކުރުން އޮންނާނީ މިމަހުގެ 9 ވަނަ ދުވަހު 12:30 ގައި އަދި އަންދާސީހިސާބު ހުށަހެޅުން މިމަހުގެ 18 ވަނަ ދުވަހު 11:00 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި ހއ.ކެލާ ކައުންސިލްގެ އިދާރާ ގައި ކަމަށް އެއިޢުލާނުގައި ވަނީ ބުނެފައެވެ.

މިމައްސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323206 ނަންބަރު ފޯނަށް ގުޅުއްވުން އެދޭކަމަށް އެމަރުކަޒުން ވަނީ ބުނެފަ އެވެ.

ކެލާ ''ލިލީ ހައުސް'' ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުމަށް ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުން ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ މިދިޔަ މަހު ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލާއިއެކު އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމެއްގަ އެވެ.

https://thiladhun.wonstasite.com/45431

ކެލާގެ ކުރީގެ މައުލޫދު ހަރުގެ ''ލިލީ ހައުސް''ގެ އިތުރުން އެ ރަށުގައި މިވަގުތު ފެންނަންހުރި ބައެއް އާޘާރީ ތަންތަނުގެ ތެރޭގައި 400 އަހަރަށްވުރެ ގިނަ ދުވަސްވީ ހުކުރު މިސްކިތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ބޭނުންކުރި ބަޑިގެއާއި ބުންބާ ބެހެއްޓި ވަޅާއި އަދި ބޯޓުގަނޑު ހިމެނެއެވެ.

ހއ. ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަރުކަޒުން އޮކްޓޯބަރު 11 ވަނަ ދުވަހު ވަނީ ވިދާޅުވެފައި އެވެ.