ގައުމީ ޓީމުގައި ހުއްޓައި ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރުމަށްފަހު، އެނބުރިއައިސް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ޖަހައިދިން 2 ގޯލާއިއެކު ސްޕެޒިއާގެ މައްޗަށް 4-1 އިން ޔުވެންޓަސް ކުރި ހޯދައިފިއެވެ.

ކޯވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން 2 ހަފުތާއަށް ވުރެ ގިނަ ދުވަހު އައިސޮލޭޝަނުގައި ހުންނަން ޖެހުމުން އުމުރުން 35 އަހަރުގެ ރޮނާލްޑޯއަށް ވަނީ 4 މެޗް ގެއްލިފަ އެވެ.

Ad
rt

ނަމަވެސް ރޮނާލްޑޯ އެނބުރިއައިސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ޖެހި ދެ ގޯލާއިއެކު މިވަނީ އޭނާގެ ސަޕޯޓަރުން އުފާކޮށްދީފައެވެ.

ރޭގެ މެޗްގައި ރޮނާލްޑޯ ކުޅެން އެރީ ޕައޮލޯ ޑިބާލާގެ ބަދަލުގައި މެޗުގެ 56 ވަނަ މިނިޓްގަ އެވެ. އޭގެ ކުރިން މެޗުގެ 14 ވަަނަ މިނިޓްގައި ޔުވެންޓަސްއަށް ވަނީ އަލްވާރޯ މޮރާޓާ ލަނޑެއް ޖަހައިދީފައެވެ، ނަމަވެސް ސްޕެޒިއާ ޓޮމާސޯ ޕޮބޭގާ ލަނޑަކުން މެޗު އޭރު އޮތީ އެއްވަރު ވެފައެވެ.

މެޗުގެ 56 ވަނަ މިނިޓްގައި ކުޅެން ނުކުމެ އޭގެ ތިން މިނިޓް ފަހުން ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ލީޑުނަގައިދީފަ އެވެ. އޭޑްރިއަން ރަބިއޯގެ ގޯލާ އެކު ޔުވެންޓަސް އިން ލީޑުފުޅާކުރިއިރު، ރޮނާލްޑޯ މެޗުގެ 76 ވަނަ މިނިޓްގައި ޔުވެންޓަސްގެ ހަތަރު ވަނަ ގޯލު ޖެހީ ޕެނަންކާ ޕެނަލްޓީ އަކުންނެވެ.

ރޭގެ މޮޅާއިއެކު ޔުވެންޓަސް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.