ތިލަދުންމަތީ ކުޅުދުއްފުށީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރަކީ ކޭލަކުނު ތަޅާލި ވިއްސާރައިގެ ޚަބަރާއި މަޢުލޫމާތު ކާބަފައިންގެ ފަރާތުން ހޯއްދަވައިގެން، އެވާހަކަތައް ފަރިތަކަމާއެކު އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާ، ވާސިލުކޮށްދެއްވާ އަޅުގަނޑުމެންގެ ތާރީޚު އެދުރެކެވެ.
ކޭލަކުނު ތަޅާލި ވިއްސާރައިގައި ކުޅުދުއްފުށި ވަރަށް ބޮޑަށް ހަލާކުވުމުން، އަލުން ކުޅުދުއްފުށި އާބާދުވީ ގޮތުގެ ވާހަކަ، ދިވެހި ތާރީޚު ޢިލްމުވެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީއަށް ވެސް ކިޔައިދެއްވީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރެވެ. މިކަން އަޅުގަނޑު ގާތުގައި ވިދާޅުވެދެއްވީ ސީދާ މި ޢަބްދުﷲ އަބޫބަކުރެވެ. ކޭލަކުނުގެ ތާރީޚާ ބެހޭގޮތުން އަޅުގަނޑު ކުރަމުން އަންނަ ދިރާސާއެއްގައި އޭނާއާ ބައްދަލުކޮށް، އެއްކޮށް އުޅުމުގެ ތެރެއިންނެވެ. އޭނާ މިހާރު އޮންނެވީ ވަރަށް އާލާސްކަންފުޅާއެވެ. އެއްގޮތަކަށް ތެދުވެނުއުޅުއްވޭތާ ވެސް އެތައް މަހެއް ވެއްޖެއެވެ. ﷲ ގެ ޙަޟުރަތުން އެދެނީ އޭނާއަށް ލުއިކޮށްދެއްވައި، ކާމިޔާބާއި ހެޔޮ ތައުފީޤު ދެއްވުމެވެ.
ތިލަދުންމަތީ ކުޅުދުއްފުށީ ކަތީބު މޫސާ ޢަލީއާއެކު އެރަށު ކުރަހާގޭ ޢަބްދުﷲ އަބޫބަކުރު މާލެ ވަޑައިގެންނެވި ދަތުރެއްގައި، މުޙައްމަދު އިބްރާހީމް ލުޠުފީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރު، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ގެންނަވައި ކޭލަކުނު ތަޅާލި ވިއްސާރައިގައި ކުޅުދުއްފުށި ވަރަށް ބޮޑަށް ފަޅުވެފައި ވަނިކޮށް އަލުން ކުޅުދުއްފުށި އާބާދުވީ ގޮތުގެ ވާހަކަ އައްސަވައި، ރެކޯޑުކުރައްވައި، އެވާހަކަތައް ފަތްތޫރައިގެ 122 ވަނަ އަދަދުގައި ލިޔުއްވައި ދިވެހި ތާރީޚުގެ ފަތްފުށްތަކުގެ ތެރެއަށް ވައްދަވާފައި ވެއެވެ. ލުޠުފީ ވެސް ވިދާޅުވާ ގޮތުގައި، "މިވާހަކަ އަޅުގަނޑަށް ކިޔައިދިނީ ކުޅުދުއްފުށީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރެވެ".
ކޮންމެއަކަސް، އަދު މިއީ ދިވެހި ތާރީޚުގެ އެންމެ މުހިންމު އެއްސަފުހާ ކަމުގައިވާ ކޭލަކުނު ތަޅާލި ވިއްސާރަ ޖެހުނުތާ ހިޖުރީ ގޮތުން ބަރާބަރު 205 އަހަރު ފުރޭ ތާރީޚީ ދުވަހެވެ. މިތޫފާން ލައިގަތްކަމަށް "ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި ލިޔުއްވާފައިވާ ތާރީޚަކީ ހިޖުރައިން 1237 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުން 13 ވީ އާދީއްތަ ވިލޭރޭކަމުގައެވެ. މީލާދީން 1821 ވަނަ އަހަރުގެ ޑިސެންބަރު މަހުން 8 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑެވެ. "ދިވެހި ތާރީޚު" ފޮތުގައި ވެސް ލިޔުއްވާފައިވަނީ ހަމަ މިތާރީޚެވެ. އަދި ބެލްގެ މޮނޮގްރާފުގައި މިތާރީޚު ލިޔުއްވާފައިވަނީ ނުބައިކޮށެވެ. ބެލްގެ މޮނޮގްރާފުގައި ވަނީ 13 ރަބީޢުލްއައްވަލު 1235 ކަމުގައެވެ.
ކޭލަކުނަކީ އިހުގައި ވަރަށް ގިނަ މީހުން ދިރިއުޅުން ރަށެއްކަން ޢިލްމީ އަދި ތާރީޚީ ހެކިތަކުން ސާބިތުވެ ފާޅުވެގެންވެއެވެ. ހިޖުރައިން 1120 ވަނަ އަހަރު ޖުމާދަލްއައްވަލު މަހުން 11 ވީ އާދީއްތަ ދުވަހު، މީލާދީން 1708 ވަނަ އަހަރު ޖުލައި މަހުން 29 ވީ އާދީއްތަ ދުވަހު، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ދެވަނަ (ދިޔަމިގިލީ ބޮޑުބަންޑާރައިން) ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންގެ ރަސްކަމުގެ 4 ވަނަ އަހަރުގެ ފަތްކޮޅުގައި ވަނީ، ތިލަދުންމަތީ ކޭލަކުނުގެ ޚަޠީބުންނާއި، މުދިމުންނާއި، ބެއިކެނބިން ނުލައި ކޭލަކުނުން ވާރުދޭން ތިބި މީހުންގެ ޖުމްލަ އަކީ 73 ކަމަށެވެ. މީގެ މާނައަކީ، އޭރު ކޭލަކުނުގެ އާބާދީ އަކީ ގާތްގަނޑަކަށް 255 އާއި 355 ދެމެދުގެ އަދަދެއް ކަމެވެ. އެޒަމާނަށް ބަލާއިރު މިއީ ބޮޑު އާބާދީއެކެވެ.
ހިޖުރައިން 1177 ވަނަ އަހަރު ޒުލްޤަޢިދާ މަހު، މީލާދީން 1764 ވަނަ އަހަރުގެ މޭ މަހު، ދޮންބަންޑާރައިންގެ ރަސްކަމުގެ 4 ވަނަ އަހަރުގެ ފަތްކޮޅުގައި ވެސް ވަނީ ކޭލަކުނުން ވާރު ދޭންޖެހޭ މީހުންގެ ޖުމުލަ އަކީ 73 ކަމެވެ. 56 އަހަރު ތެރޭގައި ކޭލަކުނުގެ ވިހާމަރުވާ ދާދި އެއްވަރެއްގައި ހިފެހެއްޓިފައި ވަނީއެވެ. ގާތްގަނޑަކަށް 255 މީހުންނާއި 355 މީހުންނާ ދެމެދުގެ އާބާދީއެއް ކޭލަކުނުގައި ދިރިއުޅެއެވެ.
ކޭލަކުނުގެ އަރުގަފަތްކޮޅުގައި ވާގޮތުން، ހިޖުރައިން 1207 ވަނަ އަހަރު، މީލާދީން 1792 – 1793 ވަނަ އަހަރު ކޭލަކުނުން ވާރު ދޭންޖެހޭ މީހުންގެ ޖުމުލައަކީ 68 ކެވެ. މީގެ މާނައަކީ 238 މީހުންނާއި 340 މީހުންނާ ދެމެދުގެ ބޮޑު އާބާދީއެއް ކޭލަކުނުގައި ދިރިއުޅެއެވެ.
ކޭލަކުނު ވިއްސާރައިގެ ވާހަކަތަކަކީ ވަރަށް ގިނަ ވާހަކަތަކެކެވެ. އުތުރުގެ ވަރަށް ގިނަ ރަށްރަށް ވަރަށް ބޮޑަށް ހަލާކުވެގެން ދިޔަ ތޫފާނެކެވެ. އެތައް ބަޔަކު މަރުވިއެވެ. އެތައް އޮޑިއެއް ހަލާކުވެ، އެތައް ބަޔަކު ގެއްލުނެވެ. ތޫފާނުގެ ގަދަވައިގެ ތެރޭގައި ކޭލަކުނުގައި ތިބި މީސްމީހުން ކައިރި ރަށްރަށަށް ވަޔާއެކު ގެންދިޔަ ކަމަށްވެސް ބުނެވެއެވެ. ކޭލަކުނު ތަޅާލި ވިއްސާރައަށް ފަހު އުތުރުގެ ރަށްރަށް އަލުން އާބާދުވީ ގޮތުގެ ތާރީޚަކީ ދިވެހި ތާރީޚާއި ޙަޟާރަތުގެ ވަރަށް ޚާއްޞަ ސަފުހާތަކެކެވެ. ﷲ އިރާދަކުރެއްވިއްޔާ އެވާހަކަތައް އަދި ގެނެސްދޭ ހުށީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!